އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑްރޫ ބާނަމަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
އެންޑީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ އިއްޔެ އެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި އެންޑީއާ މަތިކުރެވުނު އާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން، ޑިމޮކްރެޓިކް އުޞޫލުތައް ނެގެހެއްޓުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ކުރިއެރުވުމުގެ މަތީގައި ބިނާވެފައިވާ، ރާއްޖެ އާއި އިނގިރޭސިވިލާތުގެ ޒަމާންވީ ތާރީޚީ ރަޙުމަތްތެރިކަމާއި އެއްބާރުލުން ދިނުމުގެ، ދޭދޭ ގުޅުމަށް ދިވެހި ސަރުކާރުން ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަން،ފާހަގަކުރެއްވިއެވެ. އަދި ފާއިތުވީ އަހަރުތަކުގައި ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި އިނގިރޭސިވިލާތުގެ މުހިންމު ޙިއްޞާ ފާހަގަކުރައްވާ، ރައީސް ޝުކުރު އަދާކުރައްވާފައިވެ އެވެ.
ހަމަމިއާ އެކު، ދެ ޤައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި އާ ބޮޑުވަޒީރާ ގާތުން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ދެ ޤައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.