މުހައްމަދު ނިޒާރަށް ރައްޔިތުންގެ މަޖިލީހުން ރުހުން

ޕީސީބީގެ ރައީސް ނިޒާރަށް މަޖިލީހުން ރުހުން ދީފި

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ މުހައްމަދު ނިޒާރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ ނިޒާރު ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަން ކުރައްވައި، ރުހުން ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ)އިން އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ނިންމުމާ ގުޅިގެންނެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީން އިއްޔެ ނިޒާރާ އިންޓަވިއު ކޮށްފައިވާއިރު ކޮމިޓީގެ މެންބަރުން ނިޒާރަށް ދިން މާކުހުގެ އެވްރެޖްގެ ގޮތުގައި ލިބިފައިވަނީ %82.17 އެވެ. އެހެންކަމުން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިޒާރަށް ރުހުންދޭން ވަނީ ފާސްކޮށްފަ އެވެެ. 

ކޮމިޓީން މިގޮތަށް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން މަޖިލީހުން ނިޒާރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

ޕީސީބީގެ ރައީސް ކަމަށް ނިޒާރު އައްޔަނުކުރައްވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ.