އައިޝަތު އީޝާ އަޝްރަފް | ފޮޓޯ: ސަން އޮންލައިން

ދިފާއުގައި ވާހަކަދައްކަން އީޝާއަށް ފުރުސަތެއް ނުދިން: ވަކީލު

މުހައްމަދު ހަމީޒް
 
22 ގަޑިއިރު ކުރިން

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ޕާސްޕޯޓު ހިފަހައްޓާފައިވާ އައިޝަތު އީޝާ އަޝްރަފަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފުލުހުން ދީފައިނުވާކަމަށް އޭނާގެ ގާނޫނީ ވަކީލު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޑޮކިއުމެންޓްރީގެ ތަހުގީގަށް އީޝާ ރޭ ހުޅުމާލެ ފޮލިސް ސްޓޭޝަނަށް ހާޒިރުވެފައިވާއިރު މިއަދު ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފަ އެވެ.

އީޝާގެ ވަކީލު ޝަމީމު ވިދާޅުވީ ފުލުހުން މިއަދު އީޝާއަށް ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ތިން ސުވާލެއް ކަމަށެވެ. އެ ސުވާލުތަކަކީ ކޮބައިކަން ޝަމީމް ހާމަނުކުރެއްވި ނަމަވެސް ވިދާޅުވީ ސުވާލުގައި ފާހަގަކުރި ކަންކަމަށް އީޝާ އިންކާރުކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ގަޒްފުކުރިކަމަށް ތުހުމަތުކުރަނީ، އަޅުގަނޑުމެން ސާފުކުރަން އެހިން ކާކާތޯ އެކަމެއް ކުރީ. އެ ސުވާލަކަށް ފުލުހުން ޖަވާބެއް ނުދޭ،" ޝަމީމް ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެން ދިފާއުގަ ވާހަކަދައްކަން ފުރުސަތަކަށް އެދުނީމާ، ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއްދެއްވާ. ހަމަ އެއްގޮތަކަށް ވެސް ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއް ދެއްވާ"

ނަމަވެސް ބަޔާނުގައި، ދިފާއުގައި ވާހަކަދައްކަން ފުރުސަތު ނުދިންކަމަށް ފުލުހުން ފާހަގަކުރި ކަމަށާއި މި މައްސަލައިގެ ތަހުގީގުގައި އީޝާގެ ބަޔާން ނިމުނީކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށް ޝަމީމް ވިދާޅުވި އެވެ.

މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށް އުފައްދާފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން ހިންގާ ތަހުގީގެކެވެ. މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ފަސް ޖިނާއީ ތުހުމަތެއް ފުލުހުން ކުރެއެވެ. އޭގެ ތެރޭގައި ގަޒްފުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމާއި ބައިވެރިވުމުގެ ތުހުމަތު ހިމެނެއެވެ.

މި މައްސަލައިގައި އެ ދެ މީހުން ވެސް ފުލުހަށް ހާޒިރުކޮށް ވަނީ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.