ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބްލް އަހުމަދު ނާޒިމް

ނާޒިމް: ދިވެހި ސަރުކާރުގެ ބަރުލަމާނީ ދުވެލީގެ އެންމެ ތަޖުރިބާކާރު 'ކެޕްޓަން'

މުހައްމަދު ހަމީޒް
 
7 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އަދި ޖެހިލުންކުޑަ އެއް ޝަހުސިއްޔަތަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބްލް އަހުމަދު ނާޒިމްއެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބަރުލަމާނީ ދުވެލި ހަލުވިކޮށް، މަޖިލީހުގެ ތެރެއިން ސަރުކާރަށް ބޭނުންވާ އެއްބާރުލުން ހޯދައިދިނުމުގައި ނާޒިމް އަދާކުރައްވަނީ އިސް ދައުރެކެވެ. ޕީއެންސީގެ 70 އަށްވުރެ ގިނަ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ގޮވައިގެން ކުރިއަށްދާ މި 'ކެޕްޓަން' އަކީ ސަރުކާރުގެ ސިޔާސީ ތަނބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ނާޒިމަކީ ތައުލީމީ ގޮތުން ނުހަނު މަތީ ދަރަޖައަކަށް ކިޔަވައިވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ. އޭރުގެ އެސްއީސީ އިން އޭލެވެލްގައި މުޅި ރާއްޖެއިން އެއްވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގައި އިނގިރޭސިވިލާތުން އިލެކްޓްރިކް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވިއެވެ. މަޖިލީހުގެ ތެރޭގައި ހިނގާ ހަލަބޮލި ދަނޑިވަޅުތަކުގައި ނާޒިމް ދައްކަވާ ހިކުމަތު އަމަލީއަކީ ފާހަގަކޮށްލެވޭ ކަމެކެވެ. 

މާޒީގައި ރައީސް ނަޝީދުގެ ދައުރުގައި މަޖިލިސް ހިސޯރުކުރި ދުވަހުވެސް އެމަނިކުފާނު ވަނީ ސާބިތުކަން ދައްކަވާފައެވެ. އަދި ރާއްޖޭގެ ސިވިލް ސަރވިސް ބިލް ފުރަތަމަ ހުށަހަޅުއްވައި، އެ މުއައްސަސާ ވުޖޫދުކުރުމުގެ މޭސްތިރިއަކީވެސް ނާޒިމްއެވެ.

ސިޔާސީ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާގައިވެސް ނާޒިމަކީ އައު ކަންކަން ތައާރަފްކުރެއްވި ބޭފުޅެކެވެ. ރާއްޖެއަށް ރިއަލް އެސްޓޭޓް އުސޫލުން އިމާރާތްކުރުމާއި، އަމިއްލަ އިމާރާތްތަކަށް ލިފްޓް ތައާރަފްކުރުމުގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރިއެރުވުމުގައި އެމަނިކުފާނު ވަނީ ނަމޫނާ ދައްކަވާފައެވެ. މީގެ އިތުރުން، ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވާ ފަރާތްތަކުގެ މައްސަލަތައް ފަޅާ އެރުވުމުގައި އެމަނިކުފާނު ވަނީ ނުހަނު ކެރޭ، ހިތްވަރުގަދަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ނަމަވެސް، މިއަދު ފެނިގެން ދިޔައީ ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށް، އެމަނިކުފާނު މަގާމުން ވަކިކުރުމުގެ މަސައްކަތް ސަރުކާރު ކޯލިޝަނުން ފެށިތަނެވެ. ސަރުކާރުގެ ތެރޭގައި ހުރި އެންމެ ތޫނުފިލި އަދި އަމިއްލަ ފަލްސަފާގައި ސާބިތުވެ ހުންނެވި ބޭފުޅަކު ކުއްލި ގޮތަކަށް ދުރުކޮށްލުމަކީ ސިޔާސީ ގޮތުން އުފެދިފައިވާ ބިރުވެރިކަމެއްގެ ނަތީޖާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މާލީ ގޮތުން ވަކި ބައެއްގެ ތައްޕާހަށް ވެއްޓިވަޑައިނުގަންނަވާނެ ފަދަ ވަރުގަދަ ޝަހުސިއްޔަތެއް ސަރުކާރުން ބޭރުކުރުމަކީ، ސަރުކާރުގެ އެތެރޭގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ބެލެވެއެވެ. މި ނިންމުމުގެ ސަބަބުން ޕީއެންސީގެ އެތެރޭގައި ބައިބައިވުން އުފެދި، ސަރުކާރުގެ މުސްތަގުބަލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވެއެވެ.