ރާއްޖޭގައި ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށާއި ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން ނިންމަވާފައިވަނީ ވަރަށް ހިތްވަރުގަދަ ނިންމުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ބޭހުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑަށް މޫލާފައިވާ މައްސަލައެއް ކަމަށާއި، މާޒީގައި އެކި ސަރުކާރުތަކުން މިކަމަށް ހައްލު ހޯދަން މަސައްކަތް ކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ފެނިފައި ނުވާ ކަމަށެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި 2022 އަދި 2023 ވަނަ އަހަރުގެ ތެރޭގައިވެސް ބަލްކް ޕްރޮކިއުމަންޓާއި، އާސަންދައިގެ އިސްލާހުތަކާއި، ޕްރައިވެޓް ހެލްތު ސެކްޓަރުގެ އަގުތައް ކޮންޓްރޯލް ކުރުމާ ގުޅޭ ގިނަ ކަރުދާސްތަކެއް އިކޮނޮމިކް ކައުންސިލަށް ހުށަހެޅިފައިވެއެވެ. ނަމަވެސް، އެއްވެސް ސަރުކާރަކަށް މިކަމުގައި ސީދާ ފިޔަވަޅެއް އަޅަން ނުކެރި އޮތް އޮތުން ނިމުމަކަށް ގެނެސް، މި ސަރުކާރުން މިހާރު ވަނީ މިކަން ތަންފީޒު ކުރަން ފަށާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމަކީ ވަކި ބަޔަކު ކޮންޓްރޯލް ނަގާފައި، ވަކި ބަޔަކު އަގު ކޮންޓްރޯލް ކުރަމުންދިޔަ ކަމެއް ހަމަމަގަށް އެޅުމަށްޓަކައި ނިންމަންޖެހުނު ނިންމުންތަކެއް. އެކަން ތަންފީޒު ކުރަން ފެށީމާ ދިމާވާ މައްސަލަތަކެއް މިހާރު މި ފެންނަނީ،" ނާޒިމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެސްޓީއޯގެ ދަށުން ބޭހުގެ ކަންކަން އާ ކުންފުންޏަކަށް ބަދަލުކުރާއިރު "ޓީދިންގް ޕްރޮބްލަމްސް" ނުވަތަ ފެށުމުގައި ދިމާވާނެ ކުދިކުދި ދަތިތައް ހުންނާނެ ކަމަށާއި، ނަމަވެސް މިއީ ދާއިމީ ހައްލަކަށް ދިއުމަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ މުއްދަތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގާތްގަނޑަކަށް ހަ މަސްދުވަހުގެ މުއްދަތެއް މިކަމަށް ނަގާނެ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ބޭނުންވާ ޑޭޓާ ހޯދުމާއި، ސްޓޭކްހޯލްޑަރުންނާ އެކު ކުރަންޖެހޭ މަސައްކަތްތައް ހުރުމެވެ.
މިހާރު ރާއްޖެއަށް އެތެރެކުރާ ބޭހުގެ ތެރެއިން އެސްޓީއޯއިން އެތެރެކުރަނީ އެންމެ 30 އިންސައްތަ ބޭސް ކަމަށާއި، ބާކީ 70 އިންސައްތަ ބޭހަކީ އަމިއްލަ ސެކްޓަރުން އެތެރެކުރާ ބޭސްކަންވެސް ކޮމިޓީގައި ވަނީ ފާހަގަކޮށްފައެވެ. ނާޒިމް ވިދާޅުވީ އިގްތިސާދީ ގޮތުންނާއި ޑޮލަރުގެ ތާށިކަމާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، މި އަހަރު ނިމުމުގެ ކުރިން މިކަމަށް ހައްލެއް ލިބިގެންދިއުމަކީ އުންމީދެއް ކަމަށެވެ.