ސީޕީއޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ނައިބު ރައީސް ކަރާޗީއަށް ވަޑައިގަތުން

ސީޕީއޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ނައިބު ރައީސް ކަރާޗީއަށް ވަޑައިގެންފި

މުހައްމަދު ހަމީޒް
 
3 މަސް ކުރިން

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) އޭޝިއާ އަދި ސައުތު އީސްޓް އޭޝިއާ ރީޖަނަލް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޒިމް ޕާކިސްތާނުގެ ކަރާޗީއަށް ވަޑައިގެންފިއެވެ.

ސިންދު ޕްރޮވިންޝަލް އެސެމްބްލީން އިންތިޒާމުކުރާ މި ކޮންފަރެންސް ކުރިއަށްދާނީ 2026 ފެބްރުއަރީ 3 އިން 7 އަށެވެ. ކަރާޗީގެ ޖިނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައިބު ރައީސް އަޙްމަދު ނާޒިމަށް މަރުޙަބާ ދެންނެވީ ސިންދު އެސެމްބްލީގެ ނައިބު ރައީސް އެންތަނީ ނަވީދާއި، އެ އެސެމްބްލީގެ މެންބަރުން ކަމަށްވާ ޚުރަމް ކަރީމް ސޫމްރޯ، އިންޖިނިއަރ އާދިލް އަސްކަރީ އަދި މާޒް މަހްބޫބެވެ.

މި ކޮންފަރެންސަކީ އޭޝިއާ އަދި ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ 17 އަށްވުރެ ގިނަ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި، ނައިބު ރައީސުން އަދި މަންދޫބުން ބައިވެރިވާ މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ ތެރެއިން ގައުމުތަކުގެ މެދުގައި ބަރުލަމާނީ ގުޅުން ބަދަހިކުރުމާއި، ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމާއި، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަންކަން ނިންމުމުގެ އިތުރުން ސަރަހައްދީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްދާނެއެވެ.