އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅުތަކުގެ ހިންގުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ބަދަލު ކުރުމުގެ ކުރިން، އެ އޮތޯރިޓީގެ އިދާރީ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ. މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި މި ބިލުގައި މައިގަނޑު ދެ ބަދަލެއް ހިމަނާފައިވެ އެވެ. އެއީ އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ގެނައުމާއި، ކައުންސިލްތަކުގެ މެންޑޭޓްގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ހިމެނުމެވެ. މިހާރު އޮތް ގާނޫނުގެ ދަށުން އެލްޖީއޭގެ މުވައްޒަފުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެ އޮތޯރިޓީގެ ބޯޑަށެވެ.
މެންބަރު ހަމަދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، އެލްޖީއޭގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ގެ ލަފާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުންނެވެ. އަދި ސިވިލް ސާވިސް ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާދާރުވެރިޔާގެ ދައުރު އަދާކުރާނީ އެލްޖީއޭގެ ސީއީއޯ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، އެ އޮތޯރިޓީގެ މުވައްޒަފުންގެ މަގާމުގެ އޮނިގަނޑު ކަނޑައެޅުމުގެ ބާރު ބޯޑުގެ ލަފާގެ މަތިން ސީއީއޯ އަށް ލިބިދޭއިރު، އެ އޮނިގަނޑު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. މި ބަދަލުތައް ގެންނަން ނިންމާފައިވަނީ އަތޮޅުތައް ހިންގުމާ އެލްޖީއޭއިން ހަވާލުވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ތަސްދީގު ކުރައްވާފަ އެވެ. މިހާރު އޮތް އަތޮޅު ކައުންސިލްތަކުގެ ދައުރު މި މަހުގެ 17 އަށް ހަމަވުމާ އެކު، އަތޮޅުތަކުގެ ހިންގުން ރަސްމީކޮށް އެލްޖީއޭގެ ދަށަށް ބަދަލުވެގެންދާނެ އެވެ.