މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސްކަމުގެ މަޤާމަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރައްވައި ނާކާމިޔާބުވި، އާޝިޔަތު އަލައިކާއަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފިއެވެ.
"ޖުމްލަ" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަލައިކާ އެ މަގާމަށް މިހާރު ވަނީ އައްޔަންކުރައްވާފައެވެ. ނަމަވެސް އަދި ސަރުކާރުގެ ރަސްމީ ބަހެއް ނުލިބެއެވެ.
މިދިޔަ މަހު އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްކަމަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރެއްވި އަލައިކާ އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައިޝަތު ރީޝާގެ މެދުގައެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މި އިންތިޚާބުގައި އަލައިކާ ބަލިކޮށް، އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރީޝާއެވެ.