ކުރީގެ ރައީސް މުހައްމަދު ނަޝީދު

ދުވާފަރު އިސްމާއީލާ ބެހޭގޮތުން ދެކެވުނު ވާހަކަތަކަށް ރައީސް ނަޝީދު މާފަށް އެދިވަޑައިގެންފި

މުހައްމަދު ހަމީޒް
 
23 ގަޑިއިރު ކުރިން

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދުވާފަރު އިސްމާއީލާ ބެހޭގޮތުން މީގެ ކުރިން ދެއްކެވި ބައެއް ވާހަކަތަކަކީ ބޭއިންސާފު ވާހަކަތަކެއް ކަމަށް އެއްބަސްވެވަޑައިގެން، އެކަމަށް މާފަށް އެދިވަޑައިގެންފިއެވެ. ރައީސް ނަޝީދު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދުވާފަރު އިސްމާއީލާ ބެހޭގޮތުން ވަރަށް ބޭއިންސާފު ވާހަކަތަކެއް ދެކެވިފައިވާ ކަމަށާއި، އެކަމަށްޓަކައި އިސްމާއީލްގެ އަރިހުން މާފަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަދި އެ މާފު އިސްމާއީލް ގަބޫލުކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްމާއީލަށް ތައުރީފު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، "އިސްމާއީލަކީ އަޅުގަނޑުމެންގެ މި ސިޔާސީ މަސައްކަތުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު މަސައްކަތް ކުރައްވާ، ސިޔާސީ ގޮތުން 'ހަން ބޯ' ބޭފުޅެއް" ކަމަށެވެ.

ދުވާފަރު އިސްމާއީލަކީ ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުތަކުގައި ގާތްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް ނަޝީދު މިފަދަ މޭރުމަކުން ޕޯސްޓެއް ކުރައްވާފައި މިވަނީ، އެމަނިކުފާނާއި އިސްމާއީލާ ދެމެދު މީގެ ކުރިން ބައެއް ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.