ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ

ރައީސް ނަޝީދަކީ ފަރުދެއް ނޫން، އެއީ ފިކުރެއް: އިމްތިޔާޒް ފަހުމީ

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ރައީސް މުޙައްމަދު ނަޝީދަކީ ހަމައެކަނި ފަރުދެއް ނޫން ކަމަށާއި، އެއީ މުޅި ޕާޓީގެ ރޫހާއި ޑިމޮކްރަސީގެ މަސައްކަތް ރަމްޒުކޮށްދޭ ފިކުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ. އިމްތިޔާޒް މިހެން ވިދާޅުވީ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި "ބޮޑު ބަދަލު" ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

އިމްތިޔާޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީއާއި ރައީސް މުޙައްމަދު ނަޝީދަކީ ވަކިކުރެވޭނެ ދެ ފަރާތެއް ނޫނެވެ. ޕާޓީގެ މަސައްކަތުގައި ބޭނުންކުރާ ބަސްކޮށާއި، މުޅި ވޮކިބިއުލަރީއަކީ ވެސް ރައީސް ނަޝީދު މި ރާއްޖެއަށް ތަޢާރަފުކުރެއްވި ބަސްތަކެއް ކަމަށާއި، އެއީ އަބަދުވެސް ޕާޓީގައި ރަމްޒުކޮށްދޭނެ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕާޓީގެ އާއްމު މެންބަރުން ހިތާއި ރޫހުން އަބަދުވެސް ބަލައިގަންނަ ބޭފުޅަކީ ރައީސް މުޙައްމަދު ނަޝީދު. އެހެންވެ ތަކުރާރުކޮށް މި ދަންނަވަން މި ޖެހެނީ އެއީ ފަރުދެއް ނޫން، ފަރުދަކަށްވުރެ ބޮޑަށް ފިކުރެއް ޙަޤީޤަތުގައި،" އިމްތިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ނަޝީދަކީ ޑިމޮކްރަސީއަށްޓަކައި ކުރި ބުރަ މަސައްކަތާއި، އެ ސްޓްރަގަލް ރަމްޒުކޮށްދޭ ޝަޚުސިއްޔަތެއް ކަމަށް އިމްތިޔާޒް ސިފަކުރެއްވިއެވެ. އަދި އެ މަނިކުފާނަކީ މަސައްކަތުގެ ބުންވަރާއި، ހިތްވަރުގެ އިތުރުން ކަންކަން ކުރިއަށް ގެންދިއުމުގެ ސްޕީޑު ރަމްޒުކޮށްދޭ ފިކުރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިމްތިޔާޒްގެ ވާހަކަ ނިންމަވާލެއްވީ ރައީސް ނަޝީދުގެ ފިކުރަކީ އަދިވެސް ޕާޓީގެ ކުރިމަގާ ގުޅިފައިވާ މުހިންމު އަސާސެއްކަން ފާހަގަކުރައްވަމުންނެވެ.