މާލެ ސަރަހައްދުގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ 5 ވަނަ ދުވަހު ހިންގި ކާމިޔާބު މި އޮޕަރޭޝަނަކީ، މި މަހުގެ 4 ވަނަ ދުވަހު ރާއްޖެއައި ފުލައިޓަކުން ރާއްޖެ އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫ / ހިޔާވަހި، ޢަބްދުﷲ ރާއިފް (27އ) އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންކަމުގައިވާ އެމް ޑީ ޖޯޝިމް އުއްޑިން (43އ) އާއި މަމުން ދަލި (32އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝް ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އެ އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓް ބަލައިފާސްކޮށް، 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނާ ހަވާކުކުރި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މި އޮޕަރޭޝަންގައި، ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ.