ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އޮފީހުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ ކުންފުނީގެ މުދާތަކެއް ގުދަންކޮށްފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް އޭނާ ދޮގުކުރައްވައިފިއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ސުޖާއު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ސުޖާއު ވިދާޅުވި ގޮތުގައި، އެ ޚަބަރު ލިޔުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ގުޅުމުން ވެސް އެއީ ދޮގު މައުލޫމާތެއްކަން ހާމަކޮށް، އިތުރަށް މައުލޫމާތު ސާފުކުރުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ. ނަމަވެސް ތެދު މައުލޫމާތު ދިނުމުން ވެސް ޚަބަރު ފަތުރާފައިވަނީ ނުބައިކޮށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ސުޖާއު ވިދާޅުވީ، އޮފިޝަލް އިވެންޓްސްގެ ޑިރެކްޓަރު އަހުމަދު އަދުހަމަކީ ޕީއެސްއެމްގެ ބޯޑު ޑިރެކްޓަރަކަށް ވުމުން، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ޕީއެސްއެމްގެ އެކި އިވެންޓްތައް ހަދައިދެމުންދާ ކަމަށެވެ. އެގޮތުން މިހާރު ދައުރުވަމުންދާ ފޮޓޯތަކަކީ ޕީއެސްއެމްގެ ނިމިދިޔަ ގުރުއާން މުބާރާތާއި މަދަހަ މުބާރާތަށް ގެންދެވިފައިވާ ސާމާނުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އޮފިޝަލް އިވެންޓްސްގެ މުދާ ރައްކާކުރާނެ ގުދަން ހުންނާނެ. މުދާ ރައްކާކުރާނީ އެ ގުދަންތަކުގައި،" ސުޖާއު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޕީއެސްއެމްގައި ހުރި ތަކެއްޗަކީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރެވުނު މަސައްކަތެއްގެ ތެރެއިން ބޭނުންކުރި ތަކެތި ކަމަށެވެ.