ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި އާ އިސްލާހާއެކު، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ލިބިއްޖެއެވެ. މި ބަދަލުގެ ދަށުން، 20 ކޯޓާއާ ހަމައަށް ބިދޭސީން ގެންނަ މިފަދަ ވިޔަފާރިތަކުން ކޯޓާ ފީ ދައްކާކަށް ނުޖެހޭނެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ގެޒެޓްކުރި މި އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މި ލުއިތައް ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
މިއީ މިދިޔަ ޑިސެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.
ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އެޅި މި ފިޔަވަޅުގެ ސަބަބުން ގާތްގަނޑަކަށް 30،000 އަށްވުރެ ގިނަ ވިޔަފާރިތަކަށް މާލީ ލުއިތަކެއް ލިބޭނެއެވެ. އާންމު އުސޫލުން ބިދޭސީއަކު ގެނައުމަށް ކޯޓާ ފީގެ ގޮތުގައި އަހަރަކު 2,000 ރުފިޔާ ދައްކަންޖެހެއެވެ.
އިންސާނީ ވަގުފާރިއަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި، އެއް ހިއްސާދާރެއް ނުވަތަ އެއް މަސްއޫލުވެރިއެއްގެ ދަށުން ހިންގާ އެކި ކުންފުނިތަކަށް މި ލުއި ތަކުރާރު ނުވާނެހެން ހަރުދަނާ އުސޫލުތަކެއް ގަވާއިދުގައި ވަނީ ހިމަނާފައެވެ. މި ބަދަލާ ގުޅިގެން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދުތައް ހިމެނޭ "ޔޫސަރ ގައިޑްލައިން" އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެއެވެ.