މެދުއިރުމަތީގައި ހިގަމުންދާ ހަނގުރާމައިގެ ސަބަބުން އަސާސީ ބާވަތްތައް ދަތިކަމެއްނެތި ލިބެންހުންނާނެކަން ކަށަވަރުކުރުމުގެ ގޮތުން 164 ބާވަތެއްގެ މުދާ ކޮންމެ ދުވަހަކު މާކެޓުގައި މޮނިޓަރ ކުރަމުންދާކަމަށް އިޤްތިސާދި ތަރައްޤީއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިޤްތިސާދި ތަރައްޤީއާބެހޭ ވަޒީރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވީ ހަނގުރާމަ ފެށުނުތާ މިއަދަށް 39 ދުވަސްވެފައިވާއިރު، އަސާސީ ބާވަތްތަކުގެ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ތެޔޮ، ކައްކާ ގޭސް، ހަނޑޫ، ހަކުރު، ފުށް އަދި އާއްމުކޮށް ބޭނުންވާ ބާވަތްތަކުގައި ހިމެނޭ 26 ބާވަތެއް ހުސްވިޔަނުދީ މެނޭޖްކުރެވިފައިވާކަމަށެވެ.
ފެބްރުވަރީ 28 ގައި ހަނގުރާމަ ފެށުނުއިރު، ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވީ ހަނގުރާމާއިގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށާއި އަދި ވިޔަފާރިވެރިންނަށް ރާއްޖޭގެ އިޤްތިސާދަށް ކޮށްފާނެ އަސަރެއް ދެނެގަނެ ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި މެދުކެނޑުމެއްނެތި ލިބޭކަން ކަށަވަރުކުރާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި، ފަތުރުވެރިކަމަށް އައިސްފައިވާ ގޮންޖެހުމުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިމަތިވެފައިވާ ތަކެތި ނުލިބުމުގެ ދަތިތައް ހައްލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރަން ފަށާފައިވާކަމަށް ވަޒީރުން ވިދާޅުވެފައިވެއެވެ.