ރައީސްގެ ފަހު އިލްތިމާސް: ޤައުމީ ވިސްނުން އިސްކޮށް "ދޫނިތަކަށް" ވޯޓް ދެއްވާ، އާނއެކޭ ބުނޭ!

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާރުއަޅުއްވައި އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ "ރައްޔިތުންގެ ބޮޑު ހިނގާލުން" ނިންމުމުގެ ގޮތުން ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ޤައުމީ ވިސްނުމެއްގައި ނިންމުންތައް ނިންމަންޖެހޭ މުހިންމު ފުރުޞަތެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިފައިވާ އަސާސީ އަދި ޤާނޫނީ ޙައްޤެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެއީ އެންމެ ހެޔޮގޮތުގައި ބޭނުންކުރަންޖެހޭ ޒިންމާދާރު ޙައްޤެއް ކަމަށެވެ. އެހެންކަމުން، ހުރިހާ ރައްޔިތުންވެސް ޤައުމީ މަޞްލަޙަތު އިސްކޮށް ވޯޓު ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

"ތިބޭފުޅުން އަޅުގަނޑުމެންނަށް އިތުބާރުކޮށް ދެއްވާ ވޯޓް ވެގެންދާނީ ތިބޭފުޅުން ފަޚުރުވެރިވާ ވޯޓަކަށް. އޭގެ ނަތީޖާ އަޅުގަނޑުމެން ނެރެދޭނެ ވޯޓަކަށް. ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު މާޔޫސްވާނެ ވޯޓަކަށް ވެގެންނުދާނެ ވޯޓަކަށް," ރައީސް އިލްތިމާސް ކުރެއްވި އެވެ.

މީގެ އިތުރުން، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ފަރާތްތަކަށް ފުރުޞަތު ދީފިނަމަ، ރަށްރަށުގެ ތަރައްޤީއަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ރައީސް ދެއްވިއެވެ. އަދި މީގެ ކުރިންވެސް އެފަދަ ހިތްދަތި ތަޖުރިބާތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހި، ޤައުމަށް ލިބެން އޮތް ކުރިއެރުންތައް ގެއްލިގެންދިޔުމަށް ފުރުޞަތު ނުދެއްވުމަށެވެ.

"ވަރަށް އިޚްލާސްތެރިކަމާއެކު ޤައުމީ ވިސްނުމުގައި އަޅުގަނޑު މި ގޮވާލަނީ އަޅުގަނޑުމެންގެ ދޫނިތަކަށް ވޯޓް ދޭށޭ," ރައީސް އިލްތިމާސް ކުރެއްވި އެވެ.