ކައުންސިލާއި ރިފަރެންޑަމް: ދޫދިނުމެއް ނެތް، އެމްޑީޕީގެ ފަހު ކެމްޕޭން ރެލީ ވެސް ބާރަށް ކުރިއަށް

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

މާދަމާ އޮންނަ ކައުންސިލް އިންތިޚާބާއި ރިފަރެންޑަމްގެ ކެމްޕޭން ނިންމާލުމުގެ ގޮތުން  އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބާއްވާ ފަހު ހަރަކާތް މިއަދު ހަވީރު މާލޭގައި ފަށައިފިއެވެ. 

 މި ފޯރިގަދަ ހިނގާލުން ފަށާފައިވަނީ މިއަދު ހަވީރު މާލޭގެ އާޓިފިޝަލް ބީޗް ސަރަޙައްދުންނެވެ.

މިއަދު އިރުއޮއްސި 6:00 ގެ ފަހުން ކެމްޕޭންގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެތީ، އެމްޑީޕީން ވެސް އަންނަނީ މި ވަގުތުގެ ބޭނުން ހިފާ ވަރަށް ވަރުގަދައަށް ކެމްޕޭން ނިންމާލުމުގެ މަސައްކަތް ކުރަމުންނެވެ. 

މި ހިނގާލުމުގައި އެމްޑީޕީގެ ލީޑާޝިޕްގެ އިސް ހުރިހާ ބޭފުޅުން އަންނަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން އެމްޑީޕީގެ މިހާރުގެ ރައީސް ޢަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްދާ މި ހިނގާލުމުގައި އެތައް ސަތޭކަ އާންމު ރައްޔިތުންނާއި ޕާޓީގެ ސަޕޯޓަރުން ބައިވެރިވަމުންދާއިރު، މުޅި ސަރަޙައްދު އޮތީ ރީނދޫ ކުލައިން ގުގުމާލާފައެވެ.  މި ހަރަކާތަކީ، ކުރިއަށް އޮތް އިންތިޚާބާއި ރިފަރެންޑަމްގައި އެމްޑީޕީގެ ތާއީދު އޮތް މިންވަރު ދައްކާލުމަށް ބާއްވާ ހަރަކާތެއް ކަމަށް އެ ޕާޓީން ބުނެއެވެ.

ކެމްޕޭން ނިންމާލުމުގެ މި ހިނގާލުން ކުރިއަށްދާއިރު، ސަޕޯޓަރުން އަންނަނީ ޕާޓީގެ ލަވަތަކާއި ޝިއާރުތައް ބޭނުންކޮށްގެން ވަރަށް ފޯރީގައި އަޑުއުފުލަމުންނެވެ.