މާލޭ ސްކޭޓު ރިންގްއާއި، ސްކޭޓް ބޯޑިން ޕާކު އެރީނާ ހުޅުވައިފި

ނާއިފް ހަލީމް
 
2 ގަޑިއިރު ކުރިން

މާލޭ ސަރަހައްދުގައި ތަރައްގީކުރި ސްކޭޓިން ޕާކުގެ މަސައްކަތް ނިންމައި މިއަދު ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެތަން ހުޅުވައިދެއްވައިފިއެވެ.

ހަވީރު އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސްގެ ދެމަފިރިކަނބަލުންނެވެ. އެ ރަސްމިއްޔާތުގައި ސްކޭޓިން ރިންގު ބޭނުންކުރާ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. އެ ކުދިންނާއެކު ރައީސްވަނީ ފޮޓޯގަނޑެއް ނަންގަވާފައެވެ.

މި ސްކޭޓިން ޕާކުގެ މަސައްކަތްކުރީ އާރްސީސީއިންނެވެ. އެއީ ކުންފުނީގެ އިޖުތުމާއީ ޒިންމާގެ ތެރެއިން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މަސައްކަތް ނިންމާފައިވަނީ ފަސް މަސްދުވަހުންނެވެ. އެގޮތުން ތިން މަސްދުވަހުން ސްކޭޓިން ރިންގުގެ މަސައްކަތް ނިންމުމަށްފަހު، އިތުރު ދެ މަހުން ސްކޭޓިން ޕާކުގެ މަސައްކަތް ނިންމާފައިވެއެވެ.

މިއީ މާލޭ ސަރަހައްދުގައި މި ކުޅިވަރަށް ހާއްސަކުރެވިގެން ހުޅުވުނު މިފަދަ ފުރަތަމަ އެރީނާއެވެ. ސްކޭޓިންއަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރަކަށްވާތީ ބައެއް ރަށްރަށުގައި ސްކޭޓިން ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.