ފާއިތުވި މާރިޗް މަހު 1،625 ޓަނުގެ މަސް ކިރުވައި، މަސްވެރިންނަށް ޖުމްލަ 29.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާރިޗް މަހުގެ ނިޔަލަށް ކިރުވި މަހަށް، 591 މަސް ދޯންޏަކަށް ވަނީ 29،384،200.00ރ. (އޮނަތިރީސް މިލިއަން ތިން ލައްކަ އަށްޑިހަ ހަތަރު ހާސް ދުއިސައްތަ ރުފިޔާ) ޖަމާކޮށްދީފައެވެ.
އަހަރުގެ އެހެން މަސްތަކާ ހިލާފަށް ފާއިތުވި މާރިޗް މަހުގައި މަސް ކިރުވި މިންވަރާއި، މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ނިސްބަތުން ދަށްވިނަމަވެސް، އޭގެކުރީ ފެބުރުއަރީ މަހަށްވުރެ ނިސްބަތުން އިތުރެވެ. މާރިޗް މަހުގެ ތެރޭގައި މަސް ކިރުވި މިންވަރު ދަށްވެފައިވަނީ، ރޯދަމަހާއި ގުޅިގެން މަހަށް ނިކުތް ދޯނިތަކުގެ އަދަދު ދަށްވުމުގެ ސަބަބުން ކަމަށް މިފްކޯއިން ބުންޏެވެ.
އެގޮތުން، ނިމިދިޔަ މާރިޗް މަހުގައި ކިރުވި 1،625 ޓަނުގެ މަހަކީ، އޭގެކުރީ ފެބުރުއަރީ މަހު ކިރުވި 1،180.33 ޓަނުގެ މަހަށް ވުރެ 38 އިންސައްތަ އިތުރު އަދަދެކެވެ. އެހެންކަމުން، މިދިޔަ މަހު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވެސް ވަނީ މި އަހަރުގެ ފެބުރުއަރީ މަހަށް ވުރެ 44 އިންސައްތަ އިތުރުވެފައެވެ.
މިފްކޯ އިން މިއަދު އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެންމެ ގިނައިން ކިރުވީ ކަޅުބިލަމަހެވެ. އެގޮތުން، މާރިޗް މަހު 1،431 ޓަނުގެ ކަޅުބިލަމަސް މަސްވެރިން ކިރުވާފައިވެއެވެ.
އެހެންކަމުން، މާރިޗް މަހުގެ ނިޔަލަށް ކަޅުބިލަމަސް ކިރުވި 482 ދޯންޏަކަށް ފައިސާގެ ގޮތުގައި 26،892،727.00ރ. (ސައްބީސް މިލިއަން އަށް ލައްކަ ނުވަދިހަ ދެހާސް ހަތްސަތޭކަ ހަތާވީސް ރުފިޔާ) މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
މިފްކޯ އިން މަސްވެރިން އަތުން ކަންނެލި މަސް ގަންނަން ފެށީ ޖަނަވަރީ މަހު އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިއްމު ވަޢުދުފުޅެކެވެ. މިއާއެކު، މިފްކޯ އިން ވަނީ ޖަނަވަރީ މަހުގެ ތެރޭގައި 15 ކިލޯއިން މަތީގެ ކަންނެއްޔާއި، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުމިނުގެ ކަންނެލި ވެސް މަސްވެރިން އަތުން ކިރުވަން ފަށާފައެވެ.