ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ވޯޓް ދޭންވީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކަކަށް މަގުފަހި ކުރުމަށް ކަމަށާ އެ ވޯޓަކީ ސިޔާސީ ނިންމުމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓްގައި އެކަމަށް "ފެންނަ" ކަމަށް ވޯޓްދޭން ޖެހެނީ އެކަމުން ރައްޔިތުންނާއި ޤައުމަށް ފައިދާ އޮތުމުން ކަމަށެވެ. މިހާރު އޮތްގޮތުން ޤައުމާއި ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމުގައި ވިދާޅުވި އެވެ. އެއީ ހުރިހާ ރައްޔިތުން ޤަބޫލުކުރާ ޙަޤީޤަތެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް މިރޭ ވެސް ތަކުރާރު ކުރައްވާ ވިދާޅުވީ "ފެންނަ ނުފެންނަ" ވޯޓަކީ ސިޔާސީ ވިސްނުން އިސްކޮށް ގޮތް ނިންމަން ޖެހޭ ވޯޓެއް ނޫން ކަމަށެވެ.
ދެ އިންތިޚާބު އެއްދުވަހެއްގައި - މުޅީންވެސް ފައިދާ
މިރޭ އޮތް ޖަލްސާގައި ރައީސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލް ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ. އެންމެ މުހިންމު އެއް ކަމަކަށް ފާހަގަ ކުރެއްވީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަަކަށް މަގުފަހިވުމެވެ.
ރައީސް ވިދާޅުވީ އެގޮތަށް އިންތިޚާބުތައް ބާއްވަން ފެށުމުން ސުޕަ މެޖޯރިޓީގެ ނިޒާމު ބަދަލު ކުރެވޭނެ ކަމަށެވެ. އަދި އެ ބަދަލާއެކު ސަރުކާރުގެ ކެންޑިޑޭޓުން ނުތިބޭނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދަ ވޯޓަކަށް ދާން އެމަނިކުފާނު ނިންމެވީ ޤައުމަށް ލިބިދާނެ ކޮންމެ ގެއްލުމަކުން ސަލާމަތް ކުރަން ބޭނުންފުޅުވާތީ ކަމަށެވެ. ދެ އިންތިޚާބު ވަކީން އޮންނަ ޙާލަތުގައި ޤައުމަށް ހެޔޮ ނޭދޭ ބަޔަކު މަޖިލީހުގައި ތިބުމުން ކަންކަން ވެގެންދިޔަ ގޮތް އޮތީ ފެނިފައި ކަމަށާ އެކަންކަން ތަކުރާރުވާން އެދިވަޑައިނުގަންނަވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ޤައުމީ ވިސްނުމުގައި އެ ވޯޓްގައި ގޮތް ނިންމެވުމަށް އެދިވަޑައިގެންފަ އެވެ.