މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ 31 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، އެ ކުންފުންޏަކީ ރާއްޖޭގެ ތަރައްޤީ އާއި އިޖުތިމާޢީ ދުޅަހެޔޮކަމުގެ މުހިންމު ބައިވެރިއެކެވެ. މާލޭގެ އާބާދީ އިތުރުވަމުންދިއުމާއެކު ދިމާވި ފެނާއި ނަރުދަމާގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، އެމް.ޑަބްލިއު.އެސް.ސީ ވުޖޫދަށް އައީ 1 އޭޕްރީލް 1995 ގައެވެ.
ފާއިތުވި ތިން ދަހަރަކަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ކުންފުނިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. 60 މުވައްޒަފުންނާއެކު 60 ހާސް މީހުންގެ އާބާދީއަކަށް ޚިދުމަތްދޭން ފެށި ކުންފުނި، މިއަދު ވަނީ 1000 އަށްވުރެ ގިނަ މުވައްޒަފުންނާއެކު ދެ ލައްކައަށްވުރެ ގިނަ މީހުންނަށް (ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތަ) ޚިދުމަތް ފޯރުކޮށްދޭ ފަޚުރުވެރި މުއައްސަސާއަކަށް ބަދަލުވެފައެވެ. 100 އިންސައްތަ ދިވެހި މެނޭޖްމެންޓެއްގެ ދަށުން ހިންގަމުންދާ މި ކުންފުނިން މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި، ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި ޚިދުމަތް ދެމުންގެންދެއެވެ. ޚާއްޞަކޮށް ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓާއި، ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް އެ ކުންފުނިން ދެމުންދެއެވެ.
އެމް.ޑަބްލިއު.އެސް.ސީ އިން ހާމަކުރާ ގޮތުގައި، ފާއިތުވި އަހަރުތަކުގައި ފެން އުފެއްދުމާއި ރައްކާކުރުމުގެ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ކުންފުނި ފެށުނުއިރު ދުވާލަކު އުފެއްދޭ 900 ކޮޑި މީޓަރުގެ ފެން، މިހާރު ވަނީ މާލެ ސަރަހައްދުގައި އެކަނިވެސް 49,900 ޓަނަށް އިތުރުކުރެވިފައެވެ. މީގެ އިތުރުން، ފެން ރައްކާކުރުމުގެ ޤާބިލުކަން 50,445 ޓަނަށް އިތުރުކޮށް، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ބްރިޖް މެދުވެރިކޮށް ގުޅާލުމަކީ ފެނުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަތޮޅުތެރޭގެ ރަށްރަށަށް ބަލާއިރު، ހދ. ކުޅުދުއްފުށީގައި ފެން އުފައްދާ މިންވަރު 27 އިންސައްތަ އިތުރުކޮށްފައިވާއިރު، ރ. ދުވާފަރުގެ ކަރަންޓުގެ ޚިދުމަތް ވަނީ 16 އިންސައްތަ އިތުރުކޮށް ހަރުދަނާކޮށްފައެވެ.
ކުންފުނީގެ ޚިދުމަތްތައް ޒަމާނީކުރުމުގެ ގޮތުން "ދިވެހިރާއްޖެ 2.0" ގެ ދަށުން ޑިޖިޓަލް ވަސީލަތްތައް ވަނީ ތަޢާރަފުކޮށްފައެވެ. އެމް.ޑަބްލިއު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަނާއި އީ-ޕޯޓަލް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެންވެސް ބިލް ދެއްކުމާއި، ފެން ބޭނުންކުރާ މިންވަރު ބެލުމުގެ ފަސޭހަކަން މިހާރު ވަނީ ކަސްޓަމަރުންނަށް ލިބިފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ޕްރިޕެއިޑް އަދި ސްމާޓް މީޓަރުގެ ޚިދުމަތް ތަޢާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.