ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕެއިން ނިންމުމުގެ ގޮތުން ބާއްވާ ޚާއްޞަ ބޮޑު ހިނގާލުން، އެތައް ހާސް ރައްޔިތުންނާއެކު ފަށައިފިއެވެ.
"ރައްޔިތުންގެ ބޮޑު ހިނގާލުން" މި ނަމުގައި މާލޭގެ މައިމަގު، މަޖީދީމަގުގައި ކުރިއަށްދާ މި ޙަރަކާތުގައި، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވައެވެ.
މީގެ އިތުރުން، ސަރުކާރުގެ އިސްވެރިންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ކޮންގްރެސް ޕާޓީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން މި ހިނގާލުމުގައި ދަނީ ބައިވެރިވަމުންނެވެ.
މި ހިނގާލުމުގެ ބައިވެރިން ދަނީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވާދަކުރާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން މާދަމާ ނަގާ ފެންނަ ނުފެންނަ ވޯޓުގައި، އެކަމަށް ތާއީދުކޮށް "ފެންނަ" ކަމަށް ވޯޓު ދިނުމަށްވެސް މި ހިނގާލުމުގައި ބާރުއަޅަމުންދެއެވެ.