ޮފޮރިން މިނިސްޓަރު ޚަލީލް -- ފޮޓޯ: ރައީސް އޮފީސް

"ރައްޔިތުންނަށް ދަތިނުވާގޮތަށް ޚަރަދުކުޑަކުރަން ދަނީ މަޝްވަރާކުރަމުން"

ނާއިފް ހަލީމް
 
9 ގަޑިއިރު ކުރިން

ހަނގުރާމަ ދިގުލައިގެންދާނަމަ، ރައްޔިތުންނަށް ތަކުލީފެއް ނާންނަގޮތަށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

މި މަސައްކަތަށް ޚާއްސަކޮށް އުފައްދާފަވާ ކޮމިޓީގެ ފަރާތުން މިވަގުތު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރަމުންދާ އަސަރު ވަރަށް ގާތުން ދިރާސާކޮށް ބަލަމުންދާ ކަމަށާއި ވަގުތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި ދުރުރާސްތާގެ ފިޔަވަޅުތައްވެސް އަޅަމުންދާ ކަމަށެވެ.

އަދި މިވަގުތު އެންމެ އިސްކަމެއް ދެނީ، ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ރާއްޖެއަށް ތެޔޮ ގެންނަނީ މެދުއިރުމަތިން ކަމަށްވުމާއެކު، ތެޔޮ ހޯދުމުގައި އަވަށްޓެރި ޤައުމުތަކާއެކު މަޝްވަރާކޮށް، އެކަމުގައިވެސް ކުރިއެރުންތަކެއް ހޯދިފަވާ ކަމަށެވެ. ނަމަވެސް އެ ޤައުމުތަކުގެ މަޢުލޫމާތު ޙަމަކޮށްފައެއް ނުވެއެވެ.

އަދި ކާބޯތަކެތީ ރައްކާތެރިކަން އިތުރު ކުރުމަށް ކުރާ މަސައްކަތުގައި، ރާއްޖޭގައި ތަކެތީގެ ސްޓޮކް ރައްކާކުރެވޭ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ތެލުގެ ކަންކަމުގައި މަޝްވަރާ ކުރަމުންދަނީ ވަކި ޤައުމަކަށް ބަރޯސާނުވެ އެ ޚިދުމަތް ހޯދުން ޑައިވަރސިފައިކުރަން. އަދި ޒަރޫރީ ކާބޯތަކެތި ހޯދުމަށް އިތުރު މާކެޓް ތަކާއެކު ކުރަމުންދާ މަސައްކަތްތައްވެސް އިތުރު ހަރުފަތަކަށް ގެންދެވިއްޖެ. ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ޕްލޭންތައް ދަނީ ހަދަމުން." ވަޒީރު ޚަލީލު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހަނގުރާމަ ދިގުލައިގެން ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ޢަމަލުކުރާނެ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށެވެ.