ގައުމީ އިނާމަށް ނަން ހުށަހަޅަން ބުދަ ދުވަހު ހުޅުވާލަނީ

ނާއިފް ހަލީމް
 
9 ގަޑިއިރު ކުރިން

 މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުން ފެށިގެން ހުޅުވައިލާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިޢުލާނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ އޭޕްރިލް މަހުގެ 30 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ.

މިއަހަރު މި އިނާމަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އޮފީހުން ވިދާޅުވިއެވެ. އެހެންކަމުން، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހެޅުމަށް އެ އިދާރާއިން ވަނީ ބާރުއަޅުއްވާފައެވެ.

މި އަހަރުވެސް ގައުމީ އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ މައިގަނޑު 39 ދާއިރާއަކުންނެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް އަމިއްލަ ފަރުދުންނަށާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ އިތުރުން، ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ސަރުކާރުގެ އިދާރާއެއްގެ މެދުވެރިވުމަކާ ނުލައި ސީދާ ނަން ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

ގައުމީ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައެވެ. މި އަހަރުގެ ގައުމީ ދުވަސް ދިމާވަނީ އޮގަސްޓު މަހުގެ 15 ވާ ހޮނިހިރު ދުވަހާއެވެ.

މީގެ އިތުރުން، ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މޭ މަހުގެ 6 ވަނަ ދުވަހު ހުޅުވައިލާނެ ކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއްވިއެވެ.