މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އިންފްރާސްޓްރަކްޗަރ އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމަށްޓަކައި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު މިއަދު ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީގައި ބޭއްވުނު މި ރަސްމިއްޔާތުގައި ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ މައިގަނޑު މަގުސަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖްގެ ޖާގަ އިތުރުކުރުމާއި މަސް ޕްރޮސެސްކޮށް ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކުރުމުގެ ގާބިލުކަން ފުޅާކުރުމެވެ.
މި ފަހުމުނާމާތަކުގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ތ ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖަކާއި ބްލާސްޓް ފްރީޒިންގ މަރުކަޒެއް ގާއިމުކުރުމާއި ގދ ތިނަދޫގައި މިހާރު ކުރިއަށްދާ މަސްގަނެ ފިނިކޮށް ރައްކާކުރުމުގެ މަޝްރޫއު އިތުރަށް ފުޅާކޮށް ފުރިހަމަކުރުން ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަނެ ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމާއި އައްޑޫގައި ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރެވޭނެ ފެކްޓަރީއެއް ބިނާކުރުމުގެ މަސައްކަތް ވެސް މި އެއްބަސްވުންތަކުގެ ދަށުން ކުރިއަށްދާނެއެވެ.
ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސީއެމްއީސީ އާއެކު ވެވުނު މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. އަދި މިއީ މަހުގެ އުފެއްދުންތަކަށް ރާއްޖޭގައި އަގު އެއްކޮށް ބޭރުގެ ބާޒާރުތަކަށް ފޮނުވުމަށް މަގުފަހިވެ މިފްކޯގެ ހިންގުން އިތުރަށް ހަރުދަނާވެގެންދާނެ ފުރުސަތެކެވެ.