ކާރު ފުރޮޅާލައިފައި ފޮޓޯ: އެމްވީ ކްރައިސިސް

އައްޑޫ ސިޓީގައި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ

ނާއިފް ހަލީމް
 
6 ގަޑިއިރު ކުރިން

އައްޑޫ ސިޓީގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލުމުގެ ސަބަބުން ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި މިއަދު ހަވީރު ހިނގި މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 16:50 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކި މިންވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އެންމެންނަށް މިހާރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ފާހަގަކުރި ގޮތުގައި، ކާރު ދުއްވަން އިން ޑްރައިވަރަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

ފުލުހުންގެ އިދާރާއިން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

އައްޑޫ ސިޓީގައި ބާރު ސްޕީޑުގައި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން މީގެ ކުރިންވެސް ނުރައްކާތެރި އެތައް އެކްސިޑެންޓްތަކެއް ހިނގައި، ބައެއް މީހުންނަށް ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި އަނިޔާތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ.