ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢު ނިންމައި، އަންނަ ޖޫން މަހުގެ ތެރޭގައި ގޯތިތައް ޙަވާލުކުރަން ފެށޭނެ ކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރު ގޮސްފައިވާ މިންވަރު ހާމަކޮށްދޭ ފޮޓޯއެއް ވަނީ ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތް ބާރުމިނެއްގައި ކޮންމެ ދުވަހަކުވެސް ކުރިއަށްދެއެވެ.
"މާތްﷲގެ އިރާދަފުޅާއެކު، އޭޕްރީލް މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ. އަދި ބިން ސާވޭކޮށް ނިމުމުން، ޖޫން މަހުގެ ތެރޭގައި ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މެދުކެނޑުމަކަށްފަހު އަލުން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގައެވެ. އޭގެ ކުރިން އެ ސަރަހައްދުން 54 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. މިދިޔަ މަހުގެ 14 ވަނަ ދުވަހުވެސް ރައީސް ވަނީ ދެ ޑްރެޖަރު ބޭނުންކޮށްގެން ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާކަން ހާމަކުރައްވާފައެވެ.
ކުރީގެ ސަރުކާރުގެ 'ބިންވެރިޔާ' ސްކީމުގެ ދަށުން ގިރާވަރުފަޅުން ފުރަތަމަ ދޫކުރުމަށް ނިންމާފައިވަނީ 2،000 ގޯއްޗެވެ. ނަމަވެސް، އެ ފަޅުން ދޫކުރި ގޯތިތަކުގެ އަދަދަށް ބިން ނެގެން ނެތުމުން، ބާކީ ގޯތިތައް ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލިއެވެ. މި ފުރުސަތުގައި ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް 2,210 ފަރާތަކުން އެދިފައިވާއިރު، އެ ފަރާތްތަކުގެ މެދުގައި މިދިޔަ ޖޫން މަހު ވަނީ ގުރުއަތުލުން ބާއްވާފައެވެ.