މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު -- fފޮޓޯ: މިހާރު ނޫސް

މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކުގެ ތާއީދު މޫސާ އަލީ ޖަލީލަށް

ނާއިފް ހަލީމް
 
10 ގަޑިއިރު ކުރިން


                        މި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވާކަން މާލޭ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ.

މިއަދު ހެނދުނު މޫސާ އަލީ ޖަލީލާ ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން އާދަމް މަނިކު ވިދާޅުވީ، މާލޭގެ ތަރައްޤީއަށްޓަކައި ބޭނުންވާ މަސައްކަތްތައް ކުރުމުގެ ޤާބިލުކަން ހުރީ ސަރުކާރުގެ ކެންޑިޑޭޓުގެ ކިބައިގައި ކަމަށެވެ.

މާލެއަށް އެކަށީގެންވާ ސަމާލުކަމެއް ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާކަން ފާހަގަކުރައްވައި އާދަމް މަނިކު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޭޔަރުކަމުގައި ހުންނެވިއިރު އެކުލަވާލެއްވި ވަރުގަދަ އެޖެންޑާ ތަންފީޒުކުރެއްވޭނީ މޫސާ އަލީ ޖަލީލަށް ކަމަށެވެ. އެހެންކަމުން، މޫސާ އަލީ ޖަލީލަށް ދޭ ވޯޓަކީ ސީދާ މާލޭގެ ކުރިއެރުމަށް ދެވޭ ވޯޓެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި މިހާރުގެ ސަރުކާރަކީ މާލެއަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ފުރިހަމަ ޤާބިލުކަން ހުރި ސަރުކާރެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރަނގު އާދަމް މަނިކަކީ މާލޭ ސިޓީ ކައުންސިލްގެ އެންމެ ފުރަތަމަ މޭޔަރުގެ އިތުރުން، ކުރީގެ މާލޭ މުނިސިޕަލްޓީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. 2011 ވަނަ އަހަރު މޭޔަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ ވަނީ ކައުންސިލް މެންބަރެއްގެ ގޮތުގައި ދައުރު ފުރިހަމަކުރައްވާފައެވެ.

މީގެކުރިން އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުން ފެނިފައިވާ އާދަމް މަނިކަކީ ކުރީގެ ރައީސް ވަޙީދުގެ ގައުމީ އިއްތިހާދު ޕާޓީގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.