ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ވޭތުވެދިޔަ ދުވަސްތަކާ އަޅާބަލާއިރު، ރާއްޖޭގެ ވައިގެ ސާފުކަން އިތުރަށް ރަނގަޅުވަމުން އަންނަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.

ވައިގެ ފެންވަރު ބަލާ "އައިކިއު އެއާ" ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ވައިގެ ސާފުކަން ހުރީ އާދައިގެ މިންގަނޑެއްގައެވެ. އެގޮތުން ރާއްޖޭގެ އުތުރުގެ ވައިގެ ސާފުކަން 60 ގައި ހުރިއިރު، މާލެ ސަރަހައްދުގައި އެ މިންވަރު ހުރީ 55 ގައެވެ. އަދި އެންމެ ދެކުނުން އައްޑޫ ސިޓީގެ ވައިގެ ސާފުކަން ހުރީ 33 ގައެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ވައިގެ ފެންވަރު އިތުރަށް ރަނގަޅުވަމުންދާނެއެވެ. ޚާއްޞަކޮށް ކުރިއަށް އޮތް ތިން ދުވަހު ވައިގެ ސާފުކަން ދެމިހުންނާނެ ކަމަށް އެ އިދާރާގެ ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވުމާ ގުޅިގެން، ބޭރަށް ނުކުމެ އުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވެއެވެ.

ވައިގެ ސާފުކަމުގެ އިތުރުން، ރާއްޖޭގެ މޫސުން ވެސް މިހާރު ވަނީ ރަނގަޅުވާން ފަށާފައެވެ. މެޓް އޮފީހުން ބުނި ގޮތުގައި ވައި ޖެހޭނީ ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި ކަނޑުތައް ވެސް އާންމުގޮތެއްގައި މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުން ރަނގަޅުވި ނަމަވެސް، މިއީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރުކަން މެޓް އޮފީހުން ފާހަގަކުރެއެވެ. މިއަދުގެ ހޫނުމިނަށް ބަލާއިރު، އުތުރުގެ ހަނިމާދޫ އާއި ދެކުނުގެ ކާޑެއްދޫގައި އިހްސާސްކުރެވޭ ހޫނުމިން ހުރީ 35.7 ޑިގްރީ ސެލްސިއަސްގައެވެ. މާލެ ސަރަހައްދުގައި އިހްސާސްކުރެވޭ ހޫނުމިން 34.9 ގައި ހުރިއިރު، ކައްދޫގައި 34.5 އަދި ގަމުގައި އެ މިންވަރު ހުރީ 33.8 ޑިގްރީ ސެލްސިއަސްގައެވެ.