އުލިގަމަށް ބަނދަރުކުރި ކުރޫޒްލައިނާއަކުން 859 ފަތުރުވެރިން ރާއްޖެއަށް

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ހއ. އުލިގަމަށް އިއްޔެ ބަނދަރުކުރި "ވަސްކޯ ޑަ ގާމާ" ކްރޫޒްލައިނާގައި 859 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން ރާއްޖެއަށް ދަތުރުކުރި މި އުޅަނދުން އައި 859 ފަސިންޖަރުންނާއި 489 ފަޅުވެރިންނަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސްގެ މަސައްކަތްތައް، އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުގެ އޮފިސަރުން ވަނީ ފުރިހަމަކޮށްދީފައެވެ. މީގެ އިތުރުން، މި އުޅަނދުން ފޭބުމަށް އެދުނު 23 ފަޅުވެރިއަކަށާއި 12 ފަސިންޖަރަކަށް އެ ހުއްދަ ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

މިއަހަރަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް ޒިޔާރަތްކުރަމުންދާ އަހަރެކެވެ. އެގޮތުން، އަހަރުގެ މިހާތަނަށް ޖުމްލަ 9 ކްރޫޒްލައިނާއެއް ވަނީ ރާއްޖެ ބަނދަރުކޮށްފައެވެ.

ހއ. އުލިގަމަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޔޮޓްފަހަރު ބަނދަރުކުރާ އެއް މަންޒިލެވެ. ޚާއްޞަކޮށް ފަތުރުވެރިކަމުގެ މޫސުމުގައި ގިނަ އަދަދެއްގެ ޔޮޓްތައް އެ ރަށަށް ޒިޔާރަތްކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން ރަށަށް ފައިބައެވެ. މިކަމަށް މަގުފަހިކުރުމުގެ ގޮތުން، އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމް.އެސް.އެސް) އާއެކު އެ ރަށު ކައުންސިލުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މި މަހުގެ 5 ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަޤްވާމީ ބަންކަރިންގް ޚިދުމަތާ ގުޅިގެން، ރާއްޖެ އަންނަ އުޅަނދުފަހަރުގެ ފަޅުވެރިންނާއި ފަތުރުވެރިންނަށް ފަސޭހަކަމާއެކު އިމިގްރޭޝަން ކްލިއަރެންސް ދިނުމަށްޓަކައި، އުލިގަމުގައި އިމިގްރޭޝަންގެ އައު އޮފީހެއް ބިނާކުރުމަށް އެމް.ޓީ.ސީ.ސީ އާ މިދިޔަ އަހަރު ވަނީ ޙަވާލުކޮށްފައެވެ.