ކުރީގެ ރައީސް މުޙައްމަދު ނަޝީދު --

ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު: ނަޝީދު

ނާއިފް ހަލީމް
 
5 ގަޑިއިރު ކުރިން

ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަކި ވަގުތުތަކެއްގައި ކަރަންޓު ކަނޑާލުމާއި، އެއްގަމު އުޅަނދުތައް ދުއްވާ މިންވަރު މަދުކުރުން ފަދަ އިޖުރާއާތްތައް ތަންފީޒުކުރަން ޖެހިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ ސަޕްލައި ކުރުމަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އުފުލިފައެވެ. މިގޮތުން ތެލުގެ އަގަށް އައި ބަދަލާއެކު، އަގު އެންމެ ބޮޑަށް އުފުލުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރެވެއެވެ. މި ބަދަލާ ގުޅިގެން، ރާއްޖޭގައި ތެޔޮ ވިއްކާ ކުންފުނިތަކުން ވަނީ ތެލުގެ އަގު 18 އިންސައްތައާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ.

ރާއްޖޭގެ ތެލުގެ ހާލަތާ ގުޅޭގޮތުން ރައީސް ނަޝީދު ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ރައްކާކުރެވޭ ތެލުގެ ޖުމްލަ މިންވަރަކީ ގާތްގަނޑަކަށް 70 މިލިއަން ލީޓަރުގެ ޑީސެލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލެވެ. މިއީ ގާތްގަނޑަކަށް 20 ދުވަހުގެ ބޭނުންތަކަށް ފުދޭނެ މިންވަރެއް ކަމަށްވާއިރު، ރާއްޖެ ތެލަށް ޖެހުމުގެ ނުރައްކާ އޮތްކަމަށް އެމަނިކުފާނު ލަފާކުރެއްވިއެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި ރައީސް ނަޝީދު ވަނީ ބައެއް މުހިންމު ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި:

އަމިއްލަ ފަރާތްތަކަށް ތެޔޮ ރައްކާކުރެވޭނެ އިތުރު ގޮތްތައް ހޯދުން.

ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ވަކި ގަޑިތަކެއްގައި ކަރަންޓު ކަނޑާލުން.

އެއްގަމު އުޅަނދުތައް ބޭނުންކުރުން ހަރުދަނާ އުސޫލެއްގެ ދަށުން ކޮންޓްރޯލްކުރުން.

ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާފައި ހުންނަ ވަގުތު ކުރުކުރުން.

އިޖުތިމާއީ ބޮޑެތި ހަރަކާތްތައް މަދުކުރުން.

މީގެ އިތުރުން، އިގްތިސާދުގެ މައިނާރު ކަމަށްވާ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުކުރުމަށާއި، ވައިގެ ދަތުރުފަތުރަށް ބޭނުންވާ ތެޔޮ ހޯދުމަށް އިސްކަންދިނުމަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ. އަދި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުން ނޫން ގޮތްގޮތަށް ތެޔޮ އެތެރެކުރެވޭނެ އާ މަގުތައް ހޯދުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން މީގެ ކުރިން ވިދާޅުވެފައިވަނީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ ތެލާއި، ގޭސް އަދި ކާޑުގެ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.