ސައުތު ޕާމް ރިސޯޓުގެ | ފޮޓޯ: ގޫގުލް

ސައުތު ޕާމް ރިސޯޓުގެ ހާލަތު ދަށަށް، މުވައްޒަފުންނަށް މުސާރަ ނުދޭތާ 11 މަސް

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ މުހިންމު ބައެއްގެ ގޮތުގައި ހިމެނޭ ސައުތު ޕާމް ރިސޯޓު މިވަގުތު ދަނީ ވަރަށް ނާޒުކު ހާލަތެއް ތަޖުރިބާކުރަމުންނެވެ. މި ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ނުލިބޭތާ 11 މަސްދުވަސް ވެފައިވާކަމަށް ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ޖުމްލަ ނޫހަށް މައުލޫމާތުދެއެވެ.


ރިސޯޓުގެ މުވައްޒަފުން ދަނީ އިންތިހާއަށް ދަތި އުނދަގޫ ދުވަސްތަކެއް ހޭދަކުރަމުންނެވެ. މުސާރަ ނުލިބުމުގެ އިތުރުން، މުވައްޒަފުންނަށް ފޯރުކޮށްދެވޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރުވެސް ވަނީ ބޮޑުތަން ދަށްވެފައެވެ. މުވައްޒަފުންނަށް ފޯރުކޮށްދެވޭ ކެއުމުގެ ފެންވަރު އާދައިގެ ކޮންސްޓްރަކްޝަން ސައިޓަކަށްވުރެވެސް ދަށްކަމަށް މުވައްޒަފުން ފާހަގަކުރެއެވެ. ހަމައެހެންމެ، ހެނދުނު ސައިއާއެކު ގެރެންޓީ މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ދިނުމަކީވެސް މިހާރު އާންމު ކަމަކަށް ވެފައިވެއެވެ.


ރިސޯޓުގެ ޓްރާންސްޕޯޓް މުވައްޒަފުންނަށް މުސާރަ ނުލިބޭތާ 4 މަސްދުވަސް ވެފައިވާއިރު، މި ޚިދުމަތްވެސް ދަނީ ހީނަރުވަމުންނެވެ. މިކަމުގެ ސަބަބުން ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރަށް ވަރަށް ބޮޑު އަސަރެއް ކުރަމުންދެއެވެ. އެކްސްކާޝަންތަކާއި އެނޫންވެސް ޓްރާސްޕޯޓު ޑިޕާޓްމަންޓު މެދުވެރިކޮށް ދޭންޖެހޭ ގިނަ ހިދުމަތްތަކެއްވަނީ ހުއްޓިފައެވެ..

މީގެ އިތުރުން ރިސޯޓުގެ އަސާސީ ވަސީލަތްތަކުގެ ހާލަތު ދަށްވެ ރޭގަނޑު ކަރަންޓު ކެނޑުން މިހާރު އާންމު ކަމަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ރިސޯޓުގެ ސްޓާފުންނަށާއި ގެސްޓުންނަށް ބޮޑެތި ގޮންޖެހުންތަކާއިވަނީ ކުރިމަލާން ޖެހިފައެވެ. މިފަދަ މައްސަލަތަކުގެ ސަބަބުންގެސްޓުން އެހެން ރިސޯޓުތަކަށް ބަދަލުވަމުންދާކަން ފާހަގަކުރެވެއެވެ.

ސާފު ބޯފެން ފޯރިކޮށްދޭ ކޫލަރުތަކުގެ ފިލްޓަރުތަކުގެ ހާލަތު| ފޮޓޯ: ރިސޯޓު މުވައްޒަފެއް 

ސައުތު ޕާމް ރިސޯޓުގެ މި ހާލަތަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ. ވޭތުވެދިޔަ ހަފްތާގައި އެއްވެސް ގެސްޓަކު ރިސޯޓަށް ޒިޔާރަތްނުކުރާ ހިސާބަށް ކަންތައްތައް ގޮސްފައިވާއިރު، އެންމެ ފަހުން ރިސޯޓުގައި ތިބި ގެސްޓުންވެސް ވަނީ ކެނަރީފް ރިސޯޓަށް ބަދަލުކުރެވިފައެވެ.

މުވައްޒަފުންގެ މުސާރައާއި އަސާސީ ޙައްޤުތައް ގެއްލި، ރިސޯޓުގެ ޚިދުމަތްތައް ހީނަރުވެ، އައްޑޫގެ ފަތުރުވެރިކަމަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށްޓަކައި، ސަރުކާރާއި ކަމާބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވެއެވެ. މި މައްސަލަ ހައްލުނުކުރެވިއްޖެނަމަ އައްޑޫގެ ފަތުރުވެރިކަމުގެ މުސްތަޤުބަލަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ.