މުދާ އިމްޕޯޓް ކުރަން ރިޒާވްގައި ފައިސާ އެބަހުރި: މިނިސްޓްރީ

ނާއިފް ހަލީމް
 
3 ގަޑިއިރު ކުރިން

ބޭރުގެ ބާޒާރުތަކުން އިގުތިސާދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވެ، ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށް ބޭނުންވާ މިންވަރަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ފައިސާ އެބަހުރި ކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ.

އިސްރާއީލާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު، އީރާނުންވެސް ދަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ރައްދު ހަމަލާ ދެމުންނެވެ. މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ބުރޫއަރައި، މުދަލުގެ އަގުތައް އުފުލިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް އަތުވެދާނެ ބަދަލުތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި މި ހާލަތުން ކުރިމަތިވެދާނެ ހިރާސްތަކުން ރައްކާތެރިވުމަށާއި، އަވަސް ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ރިޒާވް މިވަގުތު ހުރީ މީގެ ކުރިން ދުވަހަކުވެސް ރިޒާވް މަތިނުވާ މިންވަރަކަށް އިތުރުވެފައެވެ. މީގެ ސަބަބުން ބޭރުގެ އިގުތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި ސަރުކާރަށް ބޮޑުތަނުން ފަސޭހަވެ، އިގުތިސާދީ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ބާރަކަށް ވާނެއެވެ.

ރާއްޖެއަށް މައިގަނޑު ގޮތެއްގައި ތެޔޮ އެތެރެކުރަނީ އޮމާނުން ކަމަށްވާއިރު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ދިމާވެދާނެ ހުރަސްތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، މެދުއިރުމަތީގެ މަސްރަހުގެ ސަބަބުން ފަތުރުވެރިކަމަށާއި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް ދިރާސާކުރަމުންދާ ކަމަށާއި، އެ ދިރާސާތަކަށް ބިނާކޮށް މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެއްގޮތަށް ގެންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދަމަހައްޓައި، އިގުތިސާދީ އިތުބާރު ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ދެއެވެ. މީގެ އިތުރުން، ރާއްޖެއަށް މުދާ އެތެރެކުރާ މާކެޓުތަކަށް ދިމާވެދާނެ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން، މެދުކެނޑުމެއްނެތި މުދާ ލިބޭނެ އާ ބާޒާރުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.