ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު

ފުރަން ދިއުމުގެ ކުރިން ފްލައިޓުތަކުގެ މައުލޫމާތު ސާފުކުރަން އެމްއޭސީއެލުން އަންގައިފި

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

ފުރަން ދިއުމުގެ ކުރިން ފްލައިޓުގެ މައުލޫމާތު ސާފުކުރަން އެމްއޭސީއެލްއިން އަންގައިފިއެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައިވާތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާއްސަ އެޑްވައިޒަރީއެއް ނެރެފިއެވެ. މި އެޑްވައިޒަރީ ނެރެފައިވަނީ އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކުގެ ސަމާލުކަމަށެވެ.

އެމްއޭސީއެލްއިން ބުނީ އެއާޕޯޓަށް ދިއުމުގެ ކުރިން، ފަސިންޖަރުން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ އެންމެ ފަހުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ސާފުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން، އެއާލައިންތަކުގެ މޮބައިލް އެޕްލިކޭޝަންތައް ބޭނުންކޮށްގެން ދަތުރުގެ އަޕްޑޭޓްތައް ހޯދުމަށާއި، ޓުއާ އޮޕަރޭޓަރުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މެދުއިރުމަތީގެ ދަތުރުތައް ހުއްޓުމަކަށް

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ އެ ސަރަހައްދުގެ ގިނަ ފްލައިޓްތަކަކަށް ވަނީ ބުރޫއަރާފައެވެ. އެގޮތުން، ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން މިއަދު އެކަނިވެސް ރާއްޖެއަށް އަންނަން އޮތް ނުވަ ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ. މީގެ ތެރޭގައި ދުބާއީ، ޝަރްޖާ، ބަހްރެއިން، އަބޫދާބީ އަދި ދޯހާ އަށް ކުރާ ދަތުރުތައް ހިމެނެއެވެ.

އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް ދަނީ އެ ސަރަހައްދުގެ ގައުމުތަކަށް ބޮމުގެ ހަމަލާތައް ދެމުންނެވެ. މީގެ ސަބަބުން މުޅި މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން ވަނީ އުފެދިފައެވެ.

ރާއްޖެއަށް ޔޫރަޕާއި އެހެނިހެން ސަރަހައްދުތަކުން އަންނަ ފަތުރުވެރިން އެންމެ ގިނައިން ޓްރާންސިޓްވާ މަންޒިލްތަކަކީ ދުބާއީ އާއި ދޯހާ ކަމަށްވާއިރު، މި ސަރަހައްދުތަކުގެ ވައިގެ މަގު ބަންދުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެމްއޭސީއެލްއިން ވަނީ މި ދަނޑިވަޅުގައި ދަތުރުވެރިން ދުރާލާ ދަތުރުގެ ކަންކަން ރޭވުމަށް އިރުޝާދު ދީފައެވެ.