ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަކީ ސަރުކާރުން އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ގެންގުޅުއްވާ ތަސައްވުރު ކުރިއެރުވުމުގެ މައިގަނޑު އަސާސް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ 'ވެލާނާ އެވޯޑްސް 2024' ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ވީއައިއޭއަށް ލިބޭ ކޮންމެ ކުރިއެރުމަކީ މުޅި ގައުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އެއާޕޯޓުން އަލަށް ތައާރަފުކުރާ ކޮންމެ ހިދުމަތަކާއި، އިތުރުވާ ކޮންމެ ރޫޓަކީ ފަތުރުވެރިކަމުގެ ސިނާއަތަށާއި އާންމު ރައްޔިތުންނަށް ލިބޭ އިތުރު ފުރުސަތުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއާޕޯޓުގެ އާ ޕަސެންޖަރު ޓާމިނަލާއެކު އައިސްފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، އާ ޓާމިނަލްގެ ހިދުމަތްތަކާއެކު މިހާރުވެސް ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށެވެ. މީގެ އިތުރުން، ދާއިރާގެ ކުރިއެރުން ދެމެހެއްޓުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ވަރުގަދަ އަދި ދެމެހެއްޓެނިވި ގުޅުންތަކަކީ މި ދާއިރާގެ ކާމިޔާބީގެ ބިންގާ ކަމަށެވެ. އެމްއޭސީއެލްއާއެކު މަސައްކަތްކުރާ މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުން އެއާޕޯޓް ތަރައްގީކުރުމުގައި އަދާކުރާ ދައުރު ފާހަގަކުރައްވައި، ވެލާނާ އެވޯޑްސްއަކީ އެ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ ހަރަކާތެއްކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ކޮންމެ އަހަރަކުވެސް މި ދާއިރާއަށް އާ ލަނޑުދަނޑިތަކެއް ކަނޑައަޅުއްވާކަން ފާހަގަކުރައްވައި، އެ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި މެދުނުކެނޑި މަސައްކަތްކުރުމާއި، ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރުން މުހިންމު ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށް، އެއްބާރުލުން އިތުރުކުރުމަށް އޭނާ ގޮވާލެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން، އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުން ދެއްވާ އެއްބާރުލުމަށްޓަކައި ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.