މެދުކެނޑުމެއްނެތި ރާއްޖެއަށް މުދާ ލިބޭކަން ކަށަވަރުކުރަން އިތުރު ގޮތްތަކެއް ހޯދަނީ

ނާއިފް ހަލީމް
 
3 ގަޑިއިރު ކުރިން

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް މުދާ އެތެރެކުރާ މައިގަނޑު ބާޒާރުތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، މެދުކެނޑުމެއްނެތި މުދާ ލިބޭނެ މަގުތައް ކަށަވަރުކުރުމަށްޓަކައި އައު މާކެޓުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިރޭ ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތައް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި ކާބޯތަކެއްޗާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ދަތިކަމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްކަންދޭކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ ގައުމުތަކާއި ސަޕްލައި ރޫޓުތަކަށް ކުރިމަތިވެދާނެ ބުރޫތަކުން އަރައިގަތުމަށްޓަކައި، މުދާ އެތެރެކުރާނެ އިތުރު ވަސީލަތްތަކާއި މާކެޓުތައް ހޯދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިފަދަ ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އަދި ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްވިޔަނުދީ، ދެމެހެއްޓެނިވި ގޮތެއްގައި މުދާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރަމުންދާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދެކުނު އޭޝިއާގެ ގައުމުތައް ފިޔަވައި، ރާއްޖެއަށް އެންމެ ގިނައިން ކާބޯތަކެއްޗާއި އެކި ބާވަތްތަކުގެ މުދާ އެތެރެކުރަނީ މެދުއިރުމަތީގެ ބާޒާރުތަކުންނެވެ. ރާއްޖެއަކީ ކާބޯތަކެއްޗާއި އަސާސީ މުދަލަށް ބޭރު ގައުމުތަކަށް ބޮޑުތަނުން ބަރޯސާވާންޖެހިފައިވާ ގައުމެކެވެ.