ރާއްޖެ އިން ޗާގޯސް ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅާ ދިމކޮށް، މޮރިޝަސް އިން ހާރިޖީ ގުޅުން ސަސްޕެންޑް ކުރިޔަސް، ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި މޮރިޝަސްއާ އެކު ރާއްޖެ އިން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
"އެހެނަސް، ރާއްޖެ ފަހަތަށް ޖެހޭކަށް ނުޖެހޭ،" އެ ކުރު މެސެޖުގައި ނަޝީދު ލިޔުއްވާފައިވެ އެވެ.
ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާ އެކު، ހާރިޖީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން އިއްޔެ ވަނީ ނިންމައިފަ އެވެ.
އެ ނިންމުމާ އެކު، ނަޝީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޮރިޝަސް އިން ރާއްޖެއާ އެކު އޮތް ސިޔާސީ ގުޅުން މެދުކަނޑާލުމަށް ނިންމި ނިންމުމަކީ އިންތިހާ އަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.