އެމްޑީޕީގެ ޕްރައިމަރީގައި މާލޭ ސިޓީގެ މޭޔަރުގެ ޓިކެޓް ކާމިޔާބު ކުރެއްވި އާދަމް އާޒިމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި، ރައީސް ނަޝީދު ވަނީ މޭޔަރު ކަމުގެ ޓިކެޓް ކާމިޔާބު ކުރެއްވި އާދަމް އާޒިމަށް މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، މި އިންތިޚާބުގައި އާދަމް އާޒިމާ ވާދަކުރެއްވި އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް ދެއްކެވި ހިތްވަރަށް ވެސް ރައީސް ނަޝީދު ވަނީ ސާބަސް ދެއްވާފައެވެ. އަދި މި އިންތިޚާބަކީ ނަމޫނާ އިންތިޚާބެއްގެ ގޮތުގައި ފާހަގަކުރައްވައި، އިންތިޚާބު އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ކުރި ފުރިހަމަ މަސައްކަތަށްޓަކައި އެ ޕާޓީއަށް ވެސް ރައީސް ނަޝީދު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އާޒިމާ އެކު ޕްރައިމަރީގައި ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ.