ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެންމެ ވަރުގަދަ ބިންގަލަކީ ދިވެހި ތާރީޚު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ތާރީޚުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދިވެހީން މި ފަސްގަނޑުގައި ދިރިއުޅެމުންދާތާ އެތައް ޤަރުނެއް ވެފައިވާކަމުގެ ދިރިހުރި ހެއްކަކީ ރާއްޖޭގެ މުއްސަނދި ތާރީޚު ކަމަށެވެ. އަދި މާޒީގެ ލިޔުންތަކާއި، ކުރެހުންތަކާއި، ދުވަސްވީ އާސާރުތަކުން ލިބިދޭ އިބްރަތްތަކާއި ޙިކުމަތަކީ ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހި ތާރީޚާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާސިލުކޮށްދިނުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. މިގޮތުން، ތާރީޚީ ޢިލްމު ފުޅާކުރުމަށާއި، ޤައުމީ ތަރިކަ ހިމާޔަތްކުރުމަށްޓަކައި ގިނަގުނަ މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށްދާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.