ވިޔަފާރިވެރިޔާ އަދި މާމިނގިލި ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އޮނަރަބަލް ޤާސިމް އިބްރާހިމް އދ. މާމިނގިލީގައި ބިނާކުރި މިސްކިތް 'މަސްޖިދު އިބްރާހިމް' މިއަދު ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އޮނަރަބަލް ޤާސިމް އިބްރާހިމްއެވެ. މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އޮނަރަބަލް ޤާސިމް އިބްރާހިމާއި، މާމިނގިލީގެ ކައުންސިލްގެ އިސްވެރިންނާއި ރައްޔިތުން ބައިވެރިވެލައްވާފައިވެއެވެ.

މި މިސްކިތް ހުޅުވައިދެއްވާ، މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
800 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ މިސްކިތެކެވެ. މީގެ އިތުރުން މިސްކިތުގައި އޭސީގެ ނިޒާމު ޤާއިމްކޮށްފައިވެއެވެ.
ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކުރި ބައެއް މިސްކިތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ޢިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރަމަޟާން މަހަށް 15 މިސްކިތެއް ހުޅުވާފައިވާކަން ފާހަގަކޮށްލެވެއެވެ.