މޮރިޝަސްގެ ބޮޑުވަޒީރު --

މޮރިޝަސްއަށް ރާއްޖޭގެ ނިންމުން ގަބޫލުނުކުރެވި ގުޅުން ކަނޑާލައިފި

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

  ޗާގޯސްގެ މައްސަލައިގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުމަށް ދިވެހިރާއްޖެއިން އިއުތިރާޒުކުރާކަން ފާހަގަކޮށް، ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުންތައް ވަގުތުން ކަނޑާލުމަށް މޮރިޝަސްގެ ކެބިނެޓުން ނިންމައިފިއެވެ.

އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން މިއަދު އާންމުކުރި ނިންމުންތަކުގައި ބަޔާންކޮށްފައިވަނީ، ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ މިލްކެއްގެ ގޮތުގައި ބަލައިގަތުން ދިވެހި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތާއި މޮރިޝަސްގެ އެއްބަސްވުމަށް ރާއްޖެއިން އިއުތިރާޒުކުރާތީ، އެކަމުގެ ނުރުހުމުގައި ރާއްޖެއާ އޮތް ހުރިހާ ގުޅުމެއް ވަގުތުން ކަނޑާލުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އިނގިރޭސި ޕާލަމެންޓަށް ހުށަހެޅި "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އާ ބެހޭ ބިލުގެ މަސައްކަތްވެސް މިވަގުތަށް ވަނީ މަޑުޖައްސާލާފައެވެ. އެ ގައުމުގެ ކެބިނެޓުން ނިންމާފައިވަނީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ފުރިހަމަ އެއްބަސްވުމަކަށް އާދެވުމުން ނޫނީ އެ ބިލުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށެވެ.

މޮރިޝަސްއިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ފޯޅަވައްސަކީ އިހުޒަމާނުއްސުރެ ދިވެހިން ދަންނަ، ރާއްޖޭގެ ގުދުރަތީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.