ދާޚިލީ ވަޒީރު ޢަލީ އިޙްސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯއެއް ނަގައި، އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލައިގެ ފަހަތުގައި ތިއްބެވީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ކަމަށް ވަޒީރު ތުހުމަތު ކުރައްވައިފިއެވެ.
ވަޒީރު އިޙްސާން "އެކްސް" ގައި އާންމުކުރެއްވި ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި، އަކްރަމާއި އިބްރާހީމް ވަހީދު މަގުމަތީގައި ތިއްބަވައިގެން ފޯނުން ވީޑިއޯ ކުރައްވައެވެ. މި ވީޑިއޯ ނަގާފައިވަނީ އިބްރާހީމް ވަހީދު ކަމަށާއި، ވީޑިއޯ ނެގުމަށް އޭނާގެ އަތަށް ފޯނު ދެއްވީ އަކްރަމް ކަމަށް އެ ފޫޓޭޖުން ފާހަގަވެއެވެ. މީގެ އިތުރުން، އެ ދެ ބޭފުޅުންގެ އަރިހުގައި ސައިކަލެއްގައި މަޑުކޮށްލައިގެން ހުރި އިތުރު މީހަކުވެސް އެ ސަރަހައްދުން ފެނެއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އަނބިކަނބަލުންނާއި 10 އަހަރުގެ އަންހެން ދަރިފުޅު މަގުމަތިން ހިނގާފައި ދަނިކޮށް ނަގާފައިވާ މި ވީޑިއޯ، ސޯޝަލް މީޑިއާގެ ފޭކް އެކައުންޓަކުން ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ އަންހެނަކާއި ދެ ކުޑަކުދިން މަގުމަތިން ހިނގާފައި ދާ މަންޒަރެވެ. އެމީހުންގެ ކައިރީގައި ފިރިހެނަކު ހުރުމުން، އެއީ ވަޒީރުގެ "ބޮޑީގާޑެއް" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.
މިކަމާ ގުޅިގެން ވަޒީރު އިޙްސާން ވިދާޅުވީ، މިއީ ޑިމޮކްރަސީއާއި އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތަކުގެ ވާހަކަދައްކާ ބަޔަކު ވެއްޓިފައިވާ ދަށު ދަރަޖަ ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި އެމްޑީޕީއަކީ އަބަދުވެސް މުޖުތަމައު ބައިބައިކޮށް، ދަށު ދަރަޖައިގެ ސިޔާސީ އަމަލުތައް ހިންގާ ޕާޓީއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އާއިލީ ބޭފުޅުންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދީފައިވާކަން ފާހަގަކުރެވެއެވެ. ސިޔާސީ މަންފާއަކަށްޓަކައި އާއިލާތަކަށް ފުރައްސާރަކޮށް، ޒާތީ ތައައްސުބާއި ނަފުރަތު ފެތުރުމަށް ކުރާ މިފަދަ އަމަލުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ.