ރޯދަ މަހަކީ މަސައްކަތް ހުއްޓައި، ޗުއްޓީ ނަގައި ނިދުމުގެ މަހެއްނޫންކަމަށް ޚުތުބާގައި ބުނި ---

ރޯދަ މަހަކީ މަސައްކަތް ހުއްޓައި، ޗުއްޓީ ނަގައި ނިދުމުގެ މަހެއްނޫން: ޚުތުބާ

ނާއިފް ހަލީމް
 
14 ގަޑިއިރު ކުރިން

ހުކުރު ޚުޠުބާގައި ވިދާޅުވީ ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށެވެ. އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރު ކަމަށާއި ޚާއްޞަކޮށް އެ މަހުގެ ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތައް ކަމަށެވެ.

"ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، މަސައްކަތްތައް ހުއްޓައިލައި ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން. އެއީ އަޅުކަމުގައި ހީވާގިވެ ކުރިއަރައިދާންވީ މައްސަރު. ޚާއްޞަކޮށް އެ މަހުގެ ފަހު ދިހައަކީ އިތުރަށް ހީވާގިވެ އަޅުކަމުގެ ކަމަރުބަންނާންވީ ދުވަސްތަކެއް." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި އަލިއަޅުއްވާލައްވާފައިވަނީ ރޯދަވެރިޔާގެ ހަގީގީ ކާމިޔާބީ ގުޅިފައިވަނީ ރިވެތި އަޚުލާޤުން ނަފުސު ތަހުޒީބުކުރުމުގެ މައްޗަށް ކަމަށެވެ.

"ނަޞްރާއި ކާމިޔާބުގެ މައްސަރު" މި މައުޟޫއަށް އިއްވި ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ބަރަކާތްތެރި ރަމަޟާން މަހަކީ ހަމައެކަނި ކެއުމާއި ބުއިމުން އެކަހެރިވެ ހުރުމުގެ މަހެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އިންސާނާގެ ހަށިގަނޑުން ކުރާ ޖިހާދުގެ އިތުރުން، އަމިއްލަ ހަވާނަފުސާ ދެކޮޅަށް ކުރެވޭ އެންމެ ވަރުގަދަ ޖިހާދުގެ މައްސަރެވެ. ރޯދައިގެ ސަބަބުން ނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، އަމިއްލަ ނަފުސު އިޞްލާޙުކޮށް ތަހުޒީބުކުރުމަށް މަގުފަހިވެގެންދާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވި ގޮތުގައި، މި މަތިވެރި ޖިހާދުން ލިބޭ ކާމިޔާބީއަކީ މުޅި އަހަރު ދުވަހު ﷲ سُبْحَانَهُ وَتَعَالَى ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށް ލިބޭ ވަރަށް މުހިންމު ތަމްރީނެކެވެ.

"ރޯދަވެރިޔާ އޭނާގެ ކުރިމަތީގައި الله سُبْحَانَهُ وَتَعَالَى އޭނާއަށް ޙަލާލުކުރައްވައިފައިވާ ކާތަކެއްޗާއި، ކަރުހިއްކުންފިލުވައިދެނިވި ފެން ލިބޭން ހުންނަ ޙާލުވެސް، އެކަލާނގެ އަމުރުފުޅަށް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެ ތަކެއްޗާ ދުރުހެލިވަނީ އޭނާގެ ނަފުސު އެ ކަމަށް އެދި ގޮވާޙާލުގައެވެ. ސިއްރިޔާތުގައި ވެސް އެއިން ކަމަކާ ކައިރިނުވެ ދުރުހެލިވެގެން ހުންނަ ހުރުމަކީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖައެވެ. ނަތީޖާއެއްގެ ގޮތުން ކެތްތެރިކަން އިތުރުވެ، ޝައިޠާނީ ގޮވުންތަކާއި ހަވާނަފުސުގެ މައްޗަށް ގަދަވެގަތުމުގެ ބާރު އޭނާއަށް ލިބޭ." ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.