ރައީސް ޑރ. މުއިއްޒަު ޕީއެންސީ ތަރާވީހުގައި ---

ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މިސަރުކާރުން: ރައީސް

ނާއިފް ހަލީމް
 
14 ގަޑިއިރު ކުރިން

ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒުކުރަމުންދަނީ މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވި "ދިވެހީންގެރާއްޖެ ތަރާވީސް" ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ކުރިއަރުވައި އެ ނިޒާމުގެ ނަމޫނާ ދެއްކެވުން ކަމަށެވެ. އަދި ފާއިތުވި ދެ އަހަރު ދުވަހު އެމަނިކުފާނު މަސައްކަތް ކުރެއްވީ އެ މަގަށް ކަންވެސް ފާހަގަކުރެއްވިއެވެ.

ރަށްރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމާއި، ފިޓްނަސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްގެ އިތުރުން ކުޑަކުދިންގެ ޕާކުތައް ބިނާކުރުމުގެ މަޝްރޫޢުތައް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން، ކައުންސިލް އިދާރާތައް އައުކުރުމާއި، ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން މިހާރު ހޯދައިދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ލާމަރުކަޒީ ނިޒާމަށް އެންމެ ބޮޑަށް އިތުބާރުކުރާ ޕާޓީ ކަމަށާއި، މި ނިޒާމު އަމަލީ ގޮތުން އެންމެ ފުރިހަމައަށް ހިންގަމުންދާ ހަމައެކަނި ސަރުކާރަކީ މިއީ ކަމަށެވެ.

"ލާމަރުކަޒީ ނިޒާމު އޭގެ ހަގީގީ މާނައިގައި ތަންފީޒުކުރަމުން މިދަނީ މި ސަރުކާރުން. އެއީ އަޅުގަނޑު ނުހަނު ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.