މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އާއިލީ ބޭފުޅެއްގެ ކުންފުންޏަކަށް ނުގަވައިދުން ބިމެއް ދީފައި އޮތް މައްސަލައެއް ކައުންސިލަށް ހުށަހެޅުމާ ގުޅިގެން، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
ނަހުލާ ފުލުހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އޭނާގެ ބައްޕަ އަލީ ވަހީދަށް މިއަދު މެންދުރު 13:23 ހާއިރު މޭޔަރުގެ އާއިލީ ބޭފުޅަކު ގުޅައި މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ. މިގޮތުން އިންޒާރު ދީފައިވަނީ މޭޔަރުގެ ބޮޑުބޭބެ ރަޝީދުގެ ދަރިފުޅު އަދި އެޗްޑީސީގެ ބޯޑު ޑައިރެކްޓަރު މުހައްމަދު ވިޝާމް ކަމަށް ނަހުލާ ތުހުމަތު ކުރައްވައެވެ.
"ނަހުލާ އެ އުޅެނީ ދުނިޔޭގައި އުޅެން ބޭނުން ނުވެގެންތަ؟ ދުނިޔޭގައި އުޅެން ބޭނުންވާނަމަ ބުނޭ މަގޭ ބައްޕައާ ނުބެހޭށޭ،" މިފަދަ އިބާރާތަކުން ވިޝާމް އޭނާގެ ބައްޕައަށް ގުޅައި އިންޒާރު ދީފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. މީގެ އިތުރުން ނަހުލާގެ މަންމައަށް ވެސް އެތައް ފަހަރަކު ގުޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުން 2027ގެ ނިޔަލަށް ބާކީ މުއްދަތު އޮތް އެގްރީމަންޓެއް ސީއައިއެމް ޕްރައިވެޓް ލިމިޓެޑަށް އޮއްވައި، ހަމަ އެ ބިން މޭޔަރު އާދަމް އާޒިމްގެ ބޮޑުބޭބެގެ ކުންފުނިތައް ކަމަށްވާ ނަޒްރާޝް ކޮމްޕެނީ އާއި ވަސްމީރު ހޯލްޑިންގްސްއަށް ދީފައިވާ މައްސަލަ ބެލުމަށް ނަހުލާ ހުށަހެޅުއްވުމުންނެވެ.
ނަހުލާ ވިދާޅުވީ، މޭޔަރުގެ އާއިލީ މަސްލަހަތު އޮތް މި މައްސަލައާއެކު ޖުމލަ ހަތަރު ކަމެއް ކައުންސިލްގެ ޖަލްސާއަށް އެޖެންޑާ ކުރަން ހުށަހެޅި ނަމަވެސް، ވިދިވިދިގެން ދެ ހަފުތާ ވަންދެން މޭޔަރު އެކަންކަން އެޖެންޑާ ކޮށްދީފައި ނުވާ ކަމަށެވެ. ނަހުލާ ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ:
ޕާކިން ޖާގަތަކުގެ އެގްރިމަންޓުތައް އާނުކޮށް ލަސްވަމުންދާ މައްސަލަ.
ރޯ މަސް މާރުކޭޓުގެ ސެކަންޑް ފްލޯގައި ހުރި ތަނެއް ހުސްކުރަން އެންގި މައްސަލަ.
ބިމުގެ ދަފްތަރުގައި ހިމެނޭ ބައެއް ފަރާތްތަކަށް ބިން ހަވާލުނުކުރާ މައްސަލަ.
އަލިމަސް ކާނިވާ ސަރަހައްދުން މޭޔަރުގެ އާއިލީ ކުންފުންޏަށް ބިން ދިން މައްސަލަ.
ނަހުލާ ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރަކު ހުށަހަޅާ ކަންކަން އެޖެންޑާ ކުރުން މޭޔަރަށް ލާޒިމުވީ ނަމަވެސް، އާދަމް އާޒިމް އެޖެންޑާ ކުރައްވަނީ ހަމައެކަނި އޭނާއަށް ފެންނަ ކަންކަން އެކަންޏެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ 3,330 އަކަފޫޓުގެ ބިމުގެ އެގްރިމަންޓް މިހާރު ބާތިލުކޮށްފައިވާ ކަމަށް ބުނި ނަމަވެސް، އެކަން ކޮށްފައިވަނީ ގަވައިދާ ޚިލާފަށް ކައުންސިލް ފްލޯއަށް ނުގެނެސް ކަމަށް ވެސް ނަހުލާ ފާހަގަކުރެއްވިއެވެ.
މި ސީރިއަސް މަރުގެ އިންޒާރުގެ މައްސަލަ މިހާރު ވަނީ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހަށް ހުށަހަޅާފައެވެ.