ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ހުއްޓުވުމަށް، އިދިކޮޅު އެމްޑީޕީން މިއަދު ކޯޓަށް މައްސަލަ ހުށަހަޅާނެކަން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ފަރާތުން އެކުލަވާލާފައިވާ ޚާއްޞަ ޓާސްކްފޯހުގެ ސްޕޯކްސްޕާސަން އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރަކީ ގާނޫނުއަސާސީއާ ޚިލާފު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި މި ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު މި ވޯޓު ނަގަން ސަރުކާރުން ނިންމީ ރާއްޖޭގައި ޚުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމުގެ މަގުސަދުގައެވެ. "އަޅުގަނޑުމެނަކަށް އެއްބަސްވެވޭކަށް ނެތޭ އިންތިޚާބުތައް އެއްކޮށް، ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށް، ދިވެހި ރައްޔިތުން މިހާ ހިސާބަށް ތަޖުރިބާ ކުރަމުން އައި ވޯޓުލުމުގެ ހައްގު ނިމުމަކަށް ގެނެސް، ވަކި މީހެއްގެ ބާރުގެ ދަށަށް މުޅި ގައުމާއި ސިޔާދަތު ދޫކޮށްލައިގެން ތިބެވޭކަށް،" އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓަށް 'ނޫނެކޭ' ބުނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައި ކަމަށެވެ.
މި ވޯޓު ބޭއްވުމަށް ރައީސް ޑރ. މުއިއްޒު ގަރާރު ނެރުއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. ރައީސް ވިދާޅުވާ ގޮތުގައި މި ބަދަލު ގެންނަން ނިންމީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. ދެ އިންތިޚާބު އެއްކޮށްލުމުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި، އެ ފައިސާ ނިކަމެތި އާއިލާތަކުގެ ބޭނުންތަކަށް ހޭދަކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
އެމްޑީޕީން މި މައްސަލަ ކޯޓަށް ހުށަހަޅަން ތައްޔާރުވަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން އަންނަނީ އޭޕްރިލް މަހު މި ވޯޓު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އިންތިޚާބުތައް އެއްކޮށްލުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު އެންމެ ބޮޑަށް ބަހުސް ކުރެވެމުންދާ އެއް މައުޟޫއެވެ.