ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ކުރިން ތާއީދުކުރެއްވި ކަމެއް ކަމަށާއި، ނަމަވެސް މިއަދު އެމްޑީޕީން އެކަމާ ދެކޮޅު ހަދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޕީއެންސީން ކުރިއަށްގެންދިޔަ "ޑޯޓުޑޯ" ހަރަކާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޣައްސާން ވިދާޅުވި ގޮތުގައި، އިންތިޚާބުތައް އެއްކުރުމުގެ ވާހަކައަކީ މީގެކުރިން ރައީސް ޞާލިޙުގެ ސަރުކާރުގައި އެމަނިކުފާނު އަމިއްލަފުޅަށްވެސް ދެއްކެވި ވާހަކަފުޅެކެވެ. އެގޮތުން އިންތިޚާބުތައް އެއްކުރުމުން ދައުލަތަށް ލިބޭނެ ފައިދާތަކާ ގުޅޭގޮތުން ރައީސް ޞާލިޙު ކުރިން ވާހަކަދެއްކެވި ނަމަވެސް، މިއަދު ސަރުކާރު ހިންގާ ޕީއެންސީން އެ ހުށަހެޅުން ހުށަހެޅުމުން އެމްޑީޕީން އެކަމާ ދެކޮޅު ހަދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި އިދާރީ ގޮތުން ބަލާއިރުވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ޕީއެންސީ އިސްވެރިން ވިދާޅުވެއެވެ. އަދި މިއީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ޣައްސާން ވެސް ފާހަގަކުރެއްވިއެވެ.
އަދި ޕީއެންސީން ރަނގަޅު ވާހަކައެއް ބުނުމުންވެސް އެއަށް އެއްޗެއް ބުނެލުމުގެ ބޭނުމުގައި އެމްޑީޕީން މިކަމާ ދެކޮޅު ހަދަނީ ކަމަށް ގަބޫލުކުރެވޭކަމަށް ޣައްސާން ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިން އެކަމަށް ތާއީދުކޮށްފައި މިއަދު ދެކޮޅު ހަދަމުންދާތީ، އެމްޑީޕީގެ އިސްވެރިންގެ އިހުލާސްތެރިކަމާ މެދު ވެސް ސުވާލު އުފެއްދެވިއެވެ.