ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މާލޭ ސައިޓެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއްވެ، އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓެއްގެ ތެރޭގައި ހިނގި މި ހާދިސާގައި މީހަކަށް އަނިޔާވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާގައި އަނިޔާވި މުވައްޒަފުގެ ހާލު ސީރިއަސްވުމުގެ ސަބަބުން މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.
މި ހާދިސާގެ ތަފްސީލު އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 3:00 އެހައިކަންހާއިރުއެވެ. އެ މުވައްޒަފު އަނިޔާވީ ވެމްކޯގެ ރޭމްޕް މަތިން ކޮންޓެއިނަރަކަށް ވެއްޓިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ރޭމްޕުން ކޮންޓެއިނަރާ ހަމައަށް ގާތްގަނޑަކަށް 12 ނުވަތަ 13 ފޫޓުގެ އުސްމިނެއް ހުރެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިދިޔަ ޖަނަވަރީ މަހުވެސް ތިލަފުށީ ވެމްކޯ ސައިޓުން 24 އަހަރުގެ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދަނިކޮށް، ދެ ދުވަސް ފަހުން މަރުވެފައި އޮއްވާ ފެނިފައިވާކަން ފާހަގަކޮށްލެވެއެވެ. ވެމްކޯގެ ސައިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު މިފަދަ ހާދިސާތަކާ ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.