ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ މަހު އެކަނިވެސް އެ ހޮސްޕިޓަލަށް ޑެންގީގެ 51 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި މި ހިނގާ މަހުގެ މިހާތަނަށް 48 ކޭސް ރިޕޯޓުކޮށްފައިވާކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޑެންގީގެ ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ އެ ސިޓީގެ ހިތަދޫ އަދި ފޭދޫންނެވެ.
ޑެންގީ ހުމަކީ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. މި ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި މަދިރި ހެފުމަށްފަހު، އެ މަދިރި ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުގެ ސަބަބުންނެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އޭއީއެޗް އިން ނެރުނު އިއުލާނެއްގައި ވަނީ ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ މުހިންމު ކަންތައްތަކެއް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި:
މަދިރި އާލާވާ ފަދަ ތަންތަން ބަލައި ފާސްކޮށް ނައްތާލުން.
މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވާވާފަދަ ހެދުން އެޅުން.
މަދިރި ލޯޝަން، ސްޕްރޭ ނުވަތަ މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުން.
މީގެ އިތުރުން، ރެޕެލެންޓު ބޭނުންކުރުމުގައި ސިއްހީ ގޮތުން ހުއްދަކުރާ ވަކި މާއްދާތަކެއް ހިމެނޭ ތަކެތި ބޭނުންކުރުމަށްވެސް ހޮސްޕިޓަލުން ވަނީ އިރުޝާދު ދީފައެވެ. އައްޑޫ ސިޓީގައި ބަލި ފެތުރުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ހުރިހާ ރައްޔިތުންވެސް ސިއްހީ އިދާރާތަކުގެ އިރުޝާދުތަކަށް ބޯލަނބައި، ފަރުދީ ޒިންމާ އަދާކުރުމަކީ ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.