ސަރުދީއިން ރާއްޖެއަށް ކަންޑަ އަޅާފައި ހުންނަ ސަފީރު | ފޮޓޯ: ސައުދީ އެމްބަސީ

ރާއްޖެއާއި ސަޢުދީއާ ދެމެދު އޮތް ބަދަހި ގުޅުމުގެ ސަބަބުން ބޮޑެތި ކުރިއެރުން އަންނަނީ ލިބެމުން: ސަފީރު

މުހައްމަދު ހަމީޒް
 
18 ގަޑިއިރު ކުރިން

ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ ސަބަބުން އެކި ދާއިރާތަކުން ކުރިއެރުން ލިބެމުން އަންނަކަމަށް ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ ސަޢުދީ ޢަރަބިއްޔާ ތައުސީސް ކުރެވުނު ދުވަސް ނުވަތަ "ފައުންޑިންގް ޑޭ" ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ އަދި ބަދަހި ގުޅުން ފާހަގަކުރައްވާފައެވެ.

ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވީ، "މި މުހިންމު މުނާސަބަތުގައި، އަޅުގަނޑުމެންގެ ތާރީޚާއި، އަޅުގަނޑުމެންގެ އިތުބާރާއި، އަޅުގަނޑުމެންގެ ލީޑާޝިޕަށް އަޅުގަނޑުމެން ފަޚުރުވެރިވެ، މުސްތަޤްބަލަށް އުންމީދު ކުރަން" ކަމަށެވެ. މީގެ އިތުރުން ރާއްޖެއާއި ސަޢުދީއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން، ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ. މިއީ ސަޢުދީ ޢަރަބިއްޔާގެ ތާރީޚީ މުހިންމު ދުވަހެއް ފާހަގަކުރުމަށް ބޭއްވުނު ކުލަގަދަ ރަސްމިއްޔާތެކެވެ.

ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހަކީ ސަޢޫދީ ޢަރަބިއްޔާގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެން، އެ ޤައުމުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ސަޢުދީގެ ތާރީޚާއި ސަޤާފަތް ދިރުވައި އާލާކުރުމެވެ.