ސުލްޠާން ބިން ޢަބްދުއްރަޙްމާން އާއި ރައީސް މުއިއްޒު ބައްދަލު ކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު ރައީސް މަޝްވަރާކުރައްވައިފި

މުހައްމަދު ހަމީޒް
 
7 މަސް ކުރިން

ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި ސިއްޙީ ދާއިރާ ހިމެނޭހެން، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރެއްވީ ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ވަފުދަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ.

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ދެއްކެވި ވާހަކަފުޅުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙުކުރެއްވުމުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވޭތީ އުފާކުރައްވާކަމަށާއި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ލިބިވަޑައިގަތުމަކީ ޝަރަފެއްކަމަށް ދެކެވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.